ހިޔާ ސަރަހައްދަށް ދިމާވި ޕާކިން މައްސަލަ އާ ފްލެޓްތަކަށް ވެސް ތަކުރާރުވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދުތަކުގައި ޕާކުކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން، އެ ސަރަހައްދުގެ މަގުތަކަށް ބާރުބޮޑުވެ، ހިޔާ ފްލެޓްތަކުގެ މަގުތަކަށް ކުރިމަތިވި މައްސަލަ ތަކުރާރުވެ, އާންމުންނަށް ދަތިތަކާ ކުރިމަތިވާން ފަށައިފިއެވެ. ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވުމާއެކު ކުރިމަތިވި ޕާކިންގެ ބޮޑު މައްސަލަ، މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކާ އިންވެގެން އޮންނަ މަގުތަކަށް ވެސް ވަނީ ފޯރާފައެވެ. އެތައް ހާސް ބަޔަކު ދިރިއުޅެން ފްލެޓްތައް އިމާރާތްކުރިއިރު، އެ ނިސްބަތުން އުޅަނދުތައް ޕާކުކުރާނެ ނިޒާމެއް ރޭވިފައި ނެތުމަކީ މަގުތައް ތޮއްޖެހުމުގެ މައިގަނޑު ސަބަބެވެ. މީގެ ސަބަބުން މަގުގެ އެއްބައި ބޭނުންކުރަން ނުލިބި، ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ވަނީ ދަތިވެފައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިމާރާތްކުރި ޖާގައިގެ ގޮތުން ވަރަށް ތަނަވަސް, 4000 ފްލެޓްގެ ތެރެއިން ގިނަ ފްލެޓްތަކުގެ މަސައްކަތް ނިމި، އާއިލާތަކުން އަންނަނީ އެ ތަންތަނަށް ބަދަލުވަމުންނެވެ. "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކަށް ގިނަ ބަޔަކު މިހާރު ވަނީ ބަދަލުވެފައެވެ. މީހުން ބަދަލުވާ ނިސްބަތް އިތުރުވަމުން އަންނައިރު، އެ ފްލެޓްތަކާ އިންވެގެން އޮންނަ މަގުތަކުގައި ކާރާއި، ޕިކަޕާއި، ސައިކަލް ޕާކުކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މަގުގެ ދެ ފަރާތުގައި އުޅަނދުތައް ޕާކުކޮށްފައި އޮންނާތީ، ދެ ލެއިނުން ދުއްވާ އުޅަނދުތަކަށް މާބޮޑު ޖާގައެއް މަގުގައި ނޯވެއެވެ. ޚާއްޞަކޮށް ފްލެޓްތަކަށް މުދާ އުފުލާ ޕިކަޕްތަކާއި ލޮރީތައް މަޑުކޮށްގެން އޮންނަ ވަގުތުތަކުގައި މުޅި މަގު ބްލޮކްވާ ފަހަރުވެސް އާދެއެވެ. އެފްޑީސީން ދާދި ފަހުން ވަނީ ފްލެޓްތަކަށް މީހުން ބަދަލުވާއިރު އުކާލާ ކުނިބުނި މަގުމައްޗަށް އެޅުމުގެ ސަބަބުން ވެސް މަގުތައް ބްލޮކްވާތީ އެކަން މަނާކޮށް ޖޫރިމަނާކުރަން ފަށާފައެވެ. ނަމަވެސް ޕާކިންގެ މައްސަލައަށް އެކުންފުނިން އަދި ހައްލެއް ހުށަހަޅާފައެއް ނުވެއެވެ. މި ސަރަހައްދަށް މީހުން ބަދަލުވެ ނިމޭއިރު، މި މައްސަލަ މިހާރަށްވުރެ އެތައް ގުނައެއް ގޯސްވާނެކަމަށް ބެލެވެއެވެ. މި މައްސަލަ އެފްޑީސީ ފްލެޓްތަކަށް ދިމާވާން ފަށާފައިވާއިރު, މިއީ މީގެ ކުރިން ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ވެސް އާންމުން ތަޖުރިބާކޮށްފައިވާ ކަމެކެވެ. ސޯޅަ ޓަވަރު ހިމެނޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު، އެ ސަރަހައްދުގެ މަގުތަކުގެ ދެ ފަރާތުގައި ޕާކުކުރަން ފެށުމުން މަގުތައް ބޭނުންކުރަން އިންތިހާއަށް ދަތިވިއެވެ. ކޮންމެ ޓަވަރެއްގެ ތިރީގައި އަދި ބޭސްމަންޓުގައި ޕާކިންއަށް ޖާގަ ކަނޑައަޅާފައި އޮތް ނަމަވެސް، އެތަންތަނުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުކުރެވުމާއި، އުޅަނދުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން މުޅި ސަރަހައްދު އޮންނަނީ ތޮއްޖެހިފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "ޕޮކެޓް ޕާކިން" ޒޯންތަކެއް ހަދައި، ގިނަ ޖާގަތަކެއް ކުއްޔަށް ދޫކުރިއެވެ. އަދި ދެވަނަ ފިޔަވަހީގައި 1،200 އުޅަނދަށް ޕާކުކުރެވޭނެ ވަގުތީ ޕާކިން ސަރަހައްދެއް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހުޅުވާފައެވެ. ނަމަވެސް، އާބާދީ އިތުރުވަމުންދާ ބާރުމިނާ އަޅާބަލާއިރު، މިއީ އަދިވެސް ފުރިހަމަ ހައްލެއް ނޫނެވެ. ކުރީގެ މަޝްރޫޢުތަކުން ފިލާވަޅު ލިބި، އާ މަޝްރޫޢުތައް ފަރުމާކުރާއިރު ޕާކިންއަށް އެކަށީގެންވާ ޖާގަ ކަނޑައެޅިފައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެތައް ހާސް ބަޔަކު އެއް ސަރަހައްދަކަށް ޖަމާވާއިރު، ޕާކިންގެ މައްސަލަ ދިމާވަނީ ސީދާ އާބަން ޕްލޭނިންގައި ހުރި ބޮޑެތި މައްސަލަތަކެއްގެ ސަބަބުންނެވެ. ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ފަރުމާކުރާއިރު، ހަމައެކަނި އިމާރާތްކުރާނެ ފްލެޓްތަކުގެ އަދަދަށް އިސްކަންދީ، އެތަނުގައި ދިރިއުޅޭ މީހުން ބޭނުންކުރާނެ އުޅަނދުތަކުގެ ނިސްބަތަށް ވިސްނާފައި ނެތުމަކީ މީގެ އަސްލެވެ. އެފްޑީސީގެ 4000 ފްލެޓްގެ މަޝްރޫޢުގައި ވެސް، އިމާރާތްތަކުގެ ތިރީގައި ކޮންމެވެސް ވަރެއްގެ ޕާކިން ޖާގައެއް އޮތް ނަމަވެސް، އެއީ 4000 އާއިލާއަށް ބޭނުންވާނެ މިންވަރާ ގާތްކުރާ އަދަދެއް ވެސް ނޫނެވެ. ގިނަ އާއިލާތަކުގައި އެއް ސައިކަލަށްވުރެ ގިނަ ސައިކަލް ހުންނައިރު، ކާރު ގެންގުޅޭ މީހުންގެ ނިސްބަތް ވެސް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ. މަގުތައް ހަނިވެ، ތޮއްޖެހުމުގެ ސަބަބުން އެމްބިއުލާންސާއި އަލިފާން ނިއްވާ އުޅަނދުތަކަށް ކުއްލި ހާލަތްތަކުގައި އެ ސަރަހައްދުތަކަށް ވަނުމަށް ހުރަސްއެޅެއެވެ. މީގެ އިތުރުން، ހިނގާ މީހުންނަށާއި ކުޑަކުދިންނަށް މަގުމަތީގައި އުޅުމަށް ނުރައްކާތެރިވެ، އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތު ބޮޑުވެއެވެ. ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ވަރަށް ގާތްވެފައި ވަނިކޮށް ސަރުކާރުން ވަނީ, ހުޅުމާލޭގައި ޖުމްލަ 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން އިމާރާތެއް އެޅުމަށް ބިންގާ އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ