މިދިޔަ ޑިސެމްބަރުގައި ސޮނެވާ ފުށި ރިސޯޓުގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާ އެކު، ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އެ ތަނުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންދިޔަ މައްސަލަ ބަލައި އެ ރިސޯޓު 448،375ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 18 ޑިސެމްބަރުގައި ސޮނެވާ ފުށީގެ މުވައްޒަފުންނާއި ފަތުރުވެރިންނާ އެކު ޖުމްލަ 10 މީހުން ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6ގެ ފަހުން ވަދެފައިވެ އެވެ.
އެކަން ކުރީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ނުހޯދާ ކަމަށް އީޕީއޭއިން ބުންޏެވެ.
ތަފްސީލް - އީޕީއޭއިން ބުނީ:
ބ. ނެލިވަރަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް
އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންގޮސްފި ނަމަ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ސޮނެވާ ފުއްޓަށް 11 ޖޫން 2024ގައި ސިޓީއެއް ފޮނުވި
ގަވާއިދާ ހިލާފަށް ކުރި ކަންކަމުގެ ގޮތުގައި އީޕީއޭއިން ފާހަގަކުރީ:
ގަވާއިދާ ހިލާފަށް އެ ތަނަށް ވަނުން؛ އެކަމަށް އެ މީހުން އިއުތިރާފްވި
އަލިވާ ގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާ ފަދައިން އަމަލުކުރުން
އަލިފާން ރޯކުރުމާއި ގެންގުޅުން؛ އެކަމަށް އެ މީހުން އިއުތިރާފްވި
ބަޔޯސްފިއަ ރިޒާވް އޮފީސްގެ މަންދޫބުންނާއި ފުލުހުން އެ ދުވަހު ބ. ނެލިވަރަށް ގޮސް، ސޮނެވާ ފުށީގެ މުވައްޒަފުން ފަތުރުވެރިންނާ އެކު އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގި އެންގުމާ ހިލާފުވެ، އެ ފަރާތްތަކަށް އެއްބާރުލުން ދީފައެއް ނުވޭ
"... 23 އޭޕްރީލް 2025 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެންނެވުނު ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އެޖެންސީއަށް ދައްކައި ހަލާސްކޮށްދެއްވުމަށް އެ ފަރާތަށް ވާނީ ދަންނަވާފަ އެވެ،" އީޕީއޭއިން ބުންޏެވެ.
ހިމާޔަތްކޮށްފައިވާ ތަނަކަށް ވަނުމުން ސޮނޭވާ ފުށި 448،375ރ. އިން ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ