މި ޓީޗަރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދިވެހި ބަހުގެ ހިދުމަތުގައި

އުމުރުން 65 އަހަރު ވެގެން ވަޒީފާއިން ރިޓަޔާކުރެއްވި ނަމަވެސް، އޭނާގެ ހިދުމަތް ދިޔައީ މެދުނުކެނޑި ލިބެމުންނެވެ. ފޮތް ހިފައިގެން، ދަރިވަރުން އޭނާގެ ގެއަށް ދިޔަ އެވެ. ޓީޗަރުންނާއި ދިވެހި ބަހުގެ ދާއިރާގެ މީހުން ފޯނުން ގުޅައިގެން ކަންކަން އޮޅުންފިލުވި އެވެ. އުމުރުން 71ގައި، މީގެ ދެ ދުވަސް ކުރިން އަހުމަދު ޝަރީފް އަވަހާރަވުމާ ޖެހެންދެން އޭނާ ހުންނެވީ އެދުރެއްގެ ގޮތުގައި، ހިދުމަތުގަ އެވެ.
ސ. މަރަދުއަށް އުފަން، 'ރޭނިސް ޝަރީފް' އަކީ ކިޔަވައިދިނުމުގެ ދާއިރާގެ ހާއްސަ ނަމެކެވެ. ރާއްޖޭގެ އެތައް ސްކޫލެއްގައި، އެތައް އަހަރެއް ވާންދެން ދިވެހި މާއްދާ ކިޔަވައިދެއްވި އެވެ. މާލެ އާއި ރަށްރަށުގެ ގިނަ ސްކޫލުތައް ހިންގެވި އެވެ. އެހެންވެ، ހިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށް ވުރެ ދިގު މުއްދަތުގައި އޭނާގެ ގިނަ ދަރިވަރުންތަކެއް ވަނީ އުފަންވެފަ އެވެ.
އެންމެ ކުރިން ޝަރީފަކީ ގާޒީއެކެވެ. އެކަމަކު ކިޔަވައިދެއްވުމުގެ ޝައުގުވެރިކަމާ އެކު ދާއިރާ ބަދަލުކުރެއްވީ އެވެ. އޭގެ ފަހުން އައްޑޫގެ ހުރިހާ ސްކޫލެއްގައިހެން ޝަރީފް ކިޔަވައިދެއްވި އެވެ. އައްޑޫ މުހިއްބުއްދީން ސްކޫލާއި އިރުޝާދިއްޔާ ސްކޫލު ހިންގެވި އެވެ. މާލޭގެ އެމްއީއެސް އާއި އަމީނިއްޔާ ސްކޫލުގައި އަހަރުތަކެއް ވަންދެން ކިޔަވައިދެއްވި އެވެ. އަދި މ. އަތޮޅާއި ލ. އަތޮޅުގެ ބައެއް ސްކޫލުތައް ވެސް ހިންގެވި އެވެ.
ޝަރީފް ފާހަގަކުރެވެނީ ބަހުގެ ގަވައިދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ކިޔަވައިދެއްވީ އޭގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނަވައިގެންނެވެ. ބަހުގެ އެންމެ ކުދިކުދި ކަންކަން ވެސް ލޮލުގައި އަޅައިގަނެ އެވެ. އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވި އެވެ.
ދަރިވަރުންގެ ލޯބި ހޯއްދެވީ އެ މަޑުމައިތިރިކަމާއި ކަމޭހިތުމުގެ ތެރެއިންނެވެ. އޭނާ ދަންނަ ބައެއް މީހުން ބުނާގޮތުގައި އަމިއްލަ ދަރިއަކު ނުހުންނާތީ ކޮންމެ ދަރިވަރަކަށް ވެސް އޭނާ އެ ލޯބި ދެއްވި އެވެ. ސްކޫލުތައް ހިންގެވީ ވެސް މީހުންނާ ވަރަށް ބޮޑަށް ގުޅިވަޑައިގެންނަވައިގެންނެވެ. 
"އުމުރުން 65 އަހަރު ވެގެން ރިޓަޔާކުރެއްވީ. އެކަމަކު އޭގެ ފަހުން ވެސް އޭނާގެ ކައިރިއަށް ކުދިން ދާނެ ކަންކަން އޮޅުންފިލުވަން. މީހުން ވެސް ވަރަށް ގިނައިން ގުޅާނެ ބަހާ ގުޅޭ މައުލޫމާތު ހޯދަން،" ޝަރީފްއާ އެކު ކުރިން މަސައްކަތް ކުރެއްވި، އަދި ގާތް ރަހުމަތްތެރިއެއް ކަމަށްވާ މުހައްމަދު ސައީދު މޫސާ ވަޖުދީ ވިދާޅުވި އެވެ.
ކުރީގެ ނޫސް 'ހަވީރު'ގައި ވަޖުދީ މަސައްކަތްކުރެއްވި އިރު، 1980ގެ އަހަރުތަކުގެ ފަހުކޮޅު، ޝަރީފް އެ ނޫހަށް ދިވެހި ބަހާ ބެހޭ ގޮތުން ބައެއް ލިއުންތައް ވެސް ލިއުއްވި އެވެ.
ޝަރީފް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގަ އެވެ.
"މި ދެ މަސް ދުވަހު ވަރަށް ބަލިކޮށް އުޅުއްވުމަށް ފަހު އަވަހާރަވީ. އެހާ ހަމައަށް ވެސް އޭނާގެ ހިދުމަތް ކުރިއަށް ގެންދެވި،" ވަޖުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީފް އަވަހާރަވި އިރު މަސައްކަތް ކުރައްވަމުން ގެންދެވީ އައްޑޫ ބަހުރުވައިގެ ގަވައިދާ ގުޅޭ ގޮތުންނެވެ. އެ ބަހުރުވައިގެ ހަމަތަކާއި ގޮތްތައް ދަރިވަރުންނަށް ކިޔަވައިދޭން މައުލޫމާތު އެކުލަވާލެއްވުމަށެވެ. 
ބަހާ ގުޅޭ ކަންކަމާއި އިޖްތިމާއީ ކަންކަމުގައި ޝަރީފް ގެންދެވީ ފޭސްބުކްގައި ލިޔުއްވަމުންނެވެ. ދެ ބަސް އެއްކޮށްގެން ވާހަކަ ދައްކާތީ އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އައްޑޫ ބަހުރުވަ މިހާރަކަށް އައިސް ބޭނުން ކުރާ ގޮތާއި ގަވައިދުތައް ނެތެމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާގެ ކޮންމެ ސްޓޭޓަސްއަކުން ވެސް ގިނަ މައުލޫމާތުތަކެއް ލިބެ އެވެ.
އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޑރ. މުހައްމަދު ނާސިރު ވިދާޅުވި ގޮތުގައި ޝަރީފަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ، ބަހުގެ މޮޅު ބޭފުޅެކެވެ. ކޮންމެ ކަމެއްގައި ވެސް ގާތުގައި ހުންނެވި ރަނގަޅު އެކުވެރިއެކެވެ. 
"ވަރަށް ބޮޑު ހިދުމަތްތެރިއެއް އެއީ. މައުލޫމާތު މުއްސަނދި ފޮތް ގެންގުޅުއްވި، އެ ގިނައިން ކިޔުއްވާ އުޅުއްވި ބޭފުޅެއް،" ނާސިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ