ހަށިގަނޑުން ވިޓަމިން އީ މަދުވާކަން އިހުސާސް ކުރެވޭތަ؟
ވިޓަމިން އީ އަކީ ގައިގެ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށާއި ހަށިގަނޑުގެ ސެލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް މާއްދާއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިން އީގެ މާއްދާ ރަނގަޅަށް ލިބޭނަމަ ގައިގެ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ ގޮތުން ހަން ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ސްޓްރެސްވުމުން ދުރުކޮށްދިނުމަށް ވެސް ވިޓަމިން އީ މުހިއްމު ރޯލެއް އަދާކުރެއެވެ. މީގެއިތުރުން އަޅުގަނޑުމެން އުޅޭ މާހައުލުތަކުގެ ސަބަބުންނާއި ބޭނުންކުރާ ބައެއް ކޮސްމެޓިކް ބާވަތްތަކުގައި ހުންނަ ކެމިކަން ތަކުން ގައިގެން ހަން ރައްކާތެރި ކުރުމަށް ވެސް ވިޓަމިން އީ އެހީތެރިވެދެއެވެ. އިންޑިއާގެ މަޝްހޫރު ކާޔާ ކްލިނިކްގައި މެޑިކަލް އެޑްވައިޒަރެއްގެ މަގާމު އަދާކުރަމުން އަންނަ ހަމުގެ ހާއްސަ ޑޮކްޓަރު ޑރ.ވީނާ ޕްރަވީން ބުނެފައިވާ ގޮތުގައި، ވިޓަމިން އީ އަކީ އަޅުގަނޑުމެން ކެއުމުގައި ބޭނުންކުރާ ގުދުރަތީ މާއްދާތަކުން ވެސް ހަށިގަނޑަށް ހޯދައިދެވިދާނެ މާއްދާއެއް ކަމަށެވެ. ހަން ކުރަކިވެ މާބޮޑަށް ހިރުވާނަމަ އެއީ ވިޓަމިން އީ ދަށްވުމުގެ އަލާމާތެއް ކަމަށް ސިއްހީ މާހިރުން ބުނޭ--ފޮޓޯ/ޓައިމްސްއޮފް އިންޑިއާ ސިއްހީ ގޮތުން މާބޮޑު މައްސަލައެއް ދިމާވެފައި ނެތް ނަމަ ވިޓަމިން އީ ޑެފިސިޓް އަކީ އާއްމުކޮށް މީހުން ތަހައްމަލުކުރާ ކަމެއް ނޫން ކަމަށް ޑރ.ވީނާ ޕްރަވީން ވަނީ ބުނެފައެވެ. ވިޓަމިން އީއިން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތަކުގެތެރޭ، ގައިގެން ހަން ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެހީތެރިވުން، އެންޓިއޮކްސިޑެންޓްއިން ހަށިގަނޑަށް ރައްކާތެރިކަން ހޯދައިދިނުން، އުމުރުން ދުވަސްވުން ފެންނަ އާއްމު އަލާމާތްތައް ކަމަށްވާ މޫނުގައި ހުންނަ ރޫތައް ފިލުވުމަށް އެހީވެދިނުން، ހައިޕަޕިގްމެންޓޭޝަންއާ ދުރުކޮށްދިނުން، ހަންގަނޑު ދުޅަވުން އަދި މާބޮޑަށް ހަން ކުރަކިވާނަމަ އެކަމަށް ހައްލެއް ހޯދައިދިނުމުގައި އެހީވުން ހިމެނެއެވެ. ސަން ފްލާވާ ސީޑަކީ ވިޓަމިން އީ އޭގައި ގިނަ މިންވަރަށް އެކުލެވޭ މާއްދާއެއް--ފޮޓޯ/ޕިންޓްރެސްޓް ޖުޕިޓަ ހޮސްޕިޓަލްގެ ސީނިއަ ޑައިޓީޝަން ޑރ. ސްވާތީ ސަންދަން ބުނެފައިވާ ގޮތުގައި ވިޓަމިން އީ ހަށިގަނޑަށް ބޭނުންވާނަމަ އެކި ކަހަލަ ކެމިކަލްތައް އެކުލެވޭ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ވިޓަމިން އީ އެކުލެވޭ ގުދުރަތީ ބާވަތްތަކުގެތެރޭ އާމަންޑް އަދި ސަން ފްލާވަ ސީޑް ހިމެނޭއިރު ކޮންމެ ދުވަހަކުވެސް މިއީ ކެއުމުގައި ބޭނުންކުރެވިދާނެ ބާވަތްތަކެވެ. ވިޓަމިން އީގެ އިތުރުން މިއީ ސިއްހަތަށް ރަނގަޅު ސަރުބީ އާއި ޕްރޮޓީންސް އެކުލެވޭ ބާވަތްތަކަށް ވުމުން މިއީ ހަމަށް ނުހަނު ފައިދާ ހުރި ބާވަތްތަކެކެވެ. ވިޓަމިން އީ އެކުލެވޭ ތެލުގެ ބާވަތްތަކުގެތެރޭގައި ސަން ފްލާވަ އޮއިލް އަދި އޮލިވް އޮއިލް ހިމެނޭއިރު އެކްސްޓަރާ ވާޖިން އޮލިވް އޮއިލް އަކީ ވެސް ވިޓަމިން އީ މަތީ މިންވަރަކަށް އެކުލެވޭ ތެލެކެވެ. ގުދުރަތީ ގޮތުން ވިޓަމިން އީގެ މާއްދާ އެކުލެވޭ މޭވާގެތެރޭ އެވަކާޑޯ އަދި އަނބު މިއީ ވިޓަމިން އީގެ އިތުރުން ފައިބާ އަދި އެންޓިއޮކްސިޑެންޓްސް ފަދަ މާއްދާތައް އޭގައި އެކުލެވޭ ބާވަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ