ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސް ފުރާވަޑައިގެންފި، އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރުނަރު

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް އަލްވަދާއު ވިދާޅުވެފައިވަނީ ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދީ ބިން އަބްދުﷲ ބިން ޖަލާވީ އަލް ސައުދު ކަމަށެވެ.
ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދުވެސް ސައުދީގައި ތިއްބަވާފައިވަނީ ސައޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.
ރައީސް ސައުދި އަރަބިއްޔާއަށް ކުރެއްވި މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގް ބިން ފައުޒާނު އައްރަބީއާ ވަނީ ރައީސް މުއިއްޒަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާތްވެގެންވާ ދެ މިސްކިތުގެ ބެލެނިވެރި ފަރާތް، ހިޒް މެޖެސްޓީ ކިންގް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދާއި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަރުގެ ދިވެހި ހައްޖާޖީންނަށް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ހައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާއިރު، މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ