ރޯދައަށް ގެނައި ހަލާކުވާ ޒާތުގެ މުދާ ނެރެން އެމްޕީއެލް މިއަދު މަސައްކަތުގައި

ޕެރިޟަބަލް މުދާ ބާލަން އެމްޕީއެލް އިން މިއަދު 14:30 އިން 22:00 އަށް މަސައްކަތް ކުރާނެ އެވެ.
ރޯދައަށް ގެނައި ހަލާކުވާ މުދާ ނެރެން އެމްޕީއެލް މުވައްޒަފުން މިއަދު ވެސް މަސައްކަތް ކުރާނެ އެވެ. 
އެމްޕީއެލް އިން ބުނީ ހުކުރު ދުވަހަކީ ޕޯޓްގެ ރަސްމީ ބަންދު ދުވަހަށް ވިޔަސް، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮޮށްފައިވާ ޕެރިޟަބަލް މުދާ (ކާބޯތަކެތި) ކަސްޓަމަރުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ހަމަޖެއްސި ޚާއްސަ އިންތިޒާމެއްގެ ދަށުން މިއަދު 14:30 އިން 22:00 އަށް ޕެރިޝަބަލް މުދާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އެމްޕީއެލް އިން ވަނީ މި އަހަރުގެ ރޯދަ މަހު ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ފުރިހަމައަށް ގެންނަދަން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން 
ރޯދައިގެ ތައްޔާރީތަކުގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން ޑިޕާޓްމެންޓް އިލްޔާސް މުހައްމަދު ވިދާޅުވި ގޮތުގައި މާލެ ވިޔަފާރި ބަނދަރުގައި ގޮންޖެހުންތައް ހުރިނަމަވެސް މި އަހަރުގެ ރޯދަ މަހަށްވެސް އެ ކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. މިގޮތުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ފަސޭހައިން އަވަސް ކަމާއެކު ވިޔަފާރި ބަނދަރުން ނެރެވޭނެ އިންތިޒާމު ތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ރޯދަމަހަށް ފަސޭހަ ކުރުމުގެ ގޮތުން ބައެއް މުދާ ހުޅުމާލެއަށް ކްލިއަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ހުޅުމާލެ ޕޯޓުގައި ވަގުތީ ޓެންޓެއް ޖަހައި ހިދުމަތް ފަސޭހަ ކުރަން ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. މީގެ އިތުރުން މި އަހަރުގެ ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރަން އެ ކުންފުނިން ތައްޔާރުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. 
މި ރޯދަ މަހަށް ހާއްސަކޮށް ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއް ފަހަރާ ދެ ބޯޓު ގާތް ކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މިކަން ކުރުމަށް އިތުރު 19 މުވައްޒަފުން ވަނީ ނަގާފަ އެވެ. 
އެމްޕީއެލްއިން ދަނީ މާލެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުމަށް މިވަގުތަށް ހައްލު ގެންނަން މަސައްކަތް ކުރަމުންނެވެ. ވިޔަފާރި ބަނދަރުގެ ޖާގަ 3,600 ކޮންޓެއިނަރު ޖެހުނު ތަނުގައި މިހާރު 5,000 އަށްވުރެ ގިނަ ކޮންޓެއިނަރު ޖެހޭނެ ޖާގައެއް ހެދޭ ގޮތަށް ހުސް ކޮންޓެއިނަރު ޓާމިނަލެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލާނެ އެވެ. މި ކޮންޓެއިނަރު ޓާމިނަލް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ