އެންޓި ސްކޭމްގެ ބައިނަލްއަގުވާމީ އޮޕަރޭޝަން: އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
ސްކޭމްތައް ހުއްޓުވަން ހިންގި ބައިނަލްއަގުވާމީ ފުރަތަމަ ފްރޮންޓިއާ އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވިއިރު، އެ އޮޕަރޭޝަނުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދަފައިވަނީ ރާއްޖެއިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި އަހަރުގެ އޭޕްރިލް 28 އިން ފެށިގެން މޭ މަހުގެ 28އަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެކެވެ. އެގޮތުން، ޖުމްލަ ހަތް ގައުމަކުން ބައިވެރިވެ އިންޓަނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް ވަނީ މަސައްކަތްކޮށްފައެވެ. ފްރޮންޓިއާ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮން، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ. މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ. އޮޕަރޭޝަން ފްރޮންޓިއާގެ މައުލޫމާތު ހިއްސާކުރުމަށް މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ހޮންކޮންގްގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުޙައްމަދު ވާނީ ބައިވެރިވެވަޑައިގެންފައެވެ. ފްރޮންޓިއާ އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. ފުލުހުން ބުނީ، މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށާއި އެއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށެވެ. ސްކޭމާއި ގުޅޭ ބަނަލްއަގްވާމީ އޮޕަރޭޝަން: އެންމެ ގިނައިން ރިކަވާކުރީ ރާއްޖެއިން -- ފޮޓޯ/ ފުލުހުން އެ އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި އެފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، ފްރޮންޓިއާ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާއިރު ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ