އެކުއަކަލްޗަރ ސިސްޓަމެއް މެދުވެރިކޮށް މުރަކަ ވިއްސާ ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަ ކުރުމުގެ މަގުސަދުގައި، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި (އެމް.އެމް.އާރް.އައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާއި ގުޅިގެން "ރީފްސީޑް" ގެ ނަމުގައި ޕްރޮޖެކްޓް ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި ޕްރޮޖެކްޓަކީ، ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް)ގެ އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުން ފާހަގަ ކުރުމަށްޓަކައި "ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގެ ނަމުގައި ޚާއްސަ ހަރަކާތެއް މިއަދުވަނީ ކ. މަނިޔަފުށީގައި ބާއްވާފައެވެ.
ރީފްސީޑް ޕްރޮޖެކްޓްގެ ދަށުން "ރީފްސީޑް ސިސްޓަމް"ގެ ނަމުގައި، މުރަކައިގެ ބިސް އަދި ލާރވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ޚާއްސަ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރު ވަނީ ކ.މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބެހެއްޓިފައެވެ. ދިވެހިރާއްޖޭގައި ޢާންމުކޮށް މުރަކަ ވިހާ ދުވަސްވަރު ކަމަށްވާ ފެބްރުވަރީ އާއި މެއި މަހާއި ދެމެދެ ރީފްސީޑް ސިސްޓަމްގެ ބޭނުންކުރުން ފަށައި އަދި ސިސްޓަމްގެ ޒަރީއްޔާއިން ފަރުތައް އިޔާދަކުރުން ތަޖުރިބާ ކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މިސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗަރ ފަންނުތައް ބޭނުންކޮށްގެން، ލާރވޭގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކޮށް، މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރުން ވަނީ ހަމަޖެހިފައެވެ.
ރީފްސީޑް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެ ކުރިން އެމް.އެމް.އާރް.އައިގެ މުވައްޒަފުން ވަނީ 2024 ވަނަ އަހަރު، އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި މުރަކަ ވިއްސާ އާލާކުރުމާއި ފަރުތައް އިޔާދަކުރުމުގެ ފަންނުތަށް އުނގެނި ރީފްސީޑް ސިސްޓަމް ބޭނުންކުރުމަށް ތަމްރީނުދެވިފައެވެ. "ރީސް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގޮތުގައި ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި، ފަރުތައް ހިމާޔަތްކޮށް އިޔާދަކުރުމުގެ މަސްލަހަތުވެރި ސަރުކާރުގެ އިދާރާތަކާއި ޖަމްއިއްޔާތަކުގެ ބޭފުޅުން ރީފްސީޑް ސިސްޓަމަށް އަހުލުވެރިކުރުވައި އަދި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކުގެ މަޢުލޫމާތު ދިނުން ހިމެނެއެވެ.
ހަބަރު: ސަރުކާރު
ފަރުތައް އިޔާދަ ކުރުމަށް އެކުއަކަލްޗަރ ސިސްޓަމް މެދުވެރިކޮށް މުރަކަ ވިއްސާ މަޝްރުއު ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ