ސިޙުރާ ޖިންނި ޝައިޠޯނުންނާ ތިބާއާ ގުޅުވައިގެން މީހުން ވާހަކަތަކަށް ބިރުގަތުމެއް ނެތް! ބިރުގަންނަމަ އެމީހަކު ދާނީ ގެއްލުމާ ހަލާކުގެ ތެރެއަށް!: މުފްތީ މެންކް

ޢާންމު ޙާލަތުގައިވެސް މިއުޅެނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުނުކުރެވިގެންނެވެ. އެޙާލުގައި އުޅޭއިރު މީސް މީހުން ދައްކާ ވާހަކަތަކަށް ބިރުގަންނަން ވެއްޖެނަމަ ވާނީ ކިހިނަކުންހެއްޔެވެ؟ ޚާއްޞަކޮށް ސިޙުރާ ޖިންނި ޝައިޠޯނުންނާއި ގުޅުވައިގެން ދައްކާ ވާހަކަތަކަށެވެ.  
ނަމާދަށް ހުއްޓި ހުންނަނީ ޖިންނި ޝައިޠޯނުންގެ ދަރުބާރަކު ނޫނެވެ. މިސްކިތުގައިކަމަށްވިޔަސް ގޭގައިކަމަށްވިޔަސް ނަމާދަށް ހުއްޓުނީންސުރެ މީހާ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. އެމީހެއްގެ ވަށައިގެން މަލާއިކަތުން ތިއްބަވާނެތެވެ. އެހެންކަމަށްވާއިރު ނަމާދަށް ހުއްޓި ހުންނަ މީހަކަށް ގެއްލުމެއް ދެވޭނީ ކޮން އެއްޗަކަށް ހެއްޔެވެ؟  
ވިސްނާށެވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދުމަށެވެ. ވަކިކަމެއްގައެއް ނޫނެވެ. ކުރިމަތިވާ ކޮންމެ ކަމެއްގައެވެ. ވީމާ ހިތްބިރުގަންނަން ހަދައިގެން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ އެމީހަކު އެދިއައީ ފޭލްވެގެންނެވެ. އެއިރުން ވެއްތިގެންދާނީ ގެއްލުމާއި ހަލާކުގެ ތެރެއަށެވެ. 
އަދި ކީއްހެއްޔެވެ؟ ނަމާދުގައި ނޫންނަމަވެސް ސިޙުރާ ޖިންނި ޝައިޠޯނުންނަށް ބިރުގަތުމެއް ނެތެވެ. އެފަދަ އުނދަގުލެއް ހުރިކަމަށް ވިސްނޭނަމަ އޮތީ ޤުރްއާނުން ޝިފާ ލިބިގަންނަން މަސައްކަތް ކުރުމެވެ. ރުޤްޔާ ކުރުމެވެ. އެންމެ ރަނގަޅި އަމިއްލައަށް ކުރުމެވެ. އަމިއްލައަށް ނުކުރެވޭނެ ނަމަ އިތުބާރުކުރެވޭ ރާޤީން ލައްވައިވެސް ކުރުވަންވީއެވެ.  
ޔަޤީންކޮށްގެން ހުންނަންވީ ﷲ ތަޢާލާ ތިމާއަށް މިންވަރުކުރައްވަވާފައިވާ މުޞީބާތެއް ނުޖެހޭނެ ކަމެވެ. އަދި މިކަމުން ސަލާމަތްކުރެއްވެވުމުގެ ހުރިހާ ބާރުތަކެއްވެސް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. އަދި ވަޤުތު ޖެހުމުން ސަލާމަތް ކުރައްވަވާނެ ކަމެވެ. 
މިކަންކަން ޔަޤީންކޮށް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުންނަ މީހަކަށް ކުރިމަތިވާ ކަންކަމުން އެމީހަކު ސަލާމަތްކޮސްދެއްވަވާނެތެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ