އެއްވެސް ޖަމިއްޔާއަކަށް އަދި ކަދުރެއް ދުލެއްނުކުރަން: އިސްލާމިކް މިނިސްޓްރީ

ގޭބިސީތަކަށް ކަދުރުބަހަން ފެށިނަމަވެސް އަދި މިހާތަނަށް އެއްވެސް ޖަމިއްޔާއަކަށް ކަދުރު ދޫކޮށްފައި ނުވާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބެހުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކަދުރުބެހުމުގެ މަސައްކަތް ފަށާފައިވާއިރު، އަދިމިހާތަނަށް ކަދުރުބަހަމުންދަނީ ހަމައެކަނި ގޭބިސީތަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ގޭބިސީތަކަށް ކަދުރު ބެހުމުގެ މަސައްކަތް ފެށިނަމަވެސް އަދި މިހާތަނަކަށް އެއްވެސް ޖަމިއްޔާއަކަށް ކަދުރު ބަހާފައިނުވާނޭ ކަމަށެވެ. އެ ވުޒާރާއިން ބުނީ ކަދުރު ހޯދުމަށް އެދި 19 ޖަމިއްޔާއަކުން ރަޖިސްޓްރީވެފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާތަނަށް 102،712 ގޭބިސީއަށް 22،163 ކަދުރު ޕަކެޓް ބަހާފައިވާކަމަށެވެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގޭބިސީއަށް ހަދިޔާކުރި 11،375 ޕަކެޓް ކަދުރާއި، ކައުންސިލްތަކުން 56،461 ގޭބިސީއަށް ދޫކުރި 10،788 ޕަކެޓް ކަދުރެވެ.
Advertisement
ކަދުރު ބެހުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެފައިވަނީ، ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި  ރޯދައިގެ ކުރިން ކަދުރު ބަހާ ނިންމާނޭކަމަށެވެ. ސައުދީ ސަރުކާރުން ވަނީ މިފަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. ޑރ.ޝަހީމް ވިދާޅުވީ، މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނޭ ކަމަށެވެ.
ރޯދަމަހު ސައުދީން ހަދިޔާކުރާ ކަދުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު، ގިނަ ބަޔަކު އެ ކަދުރަށް އިންތިޒާރުކުރާކަން ފާހަގަކޮށްލެވެއެވެ. މި ފަހަކަށް އައިސް ބައެއް އަހަރުތަކުގައި ކަދުރު ލިބިފައިވަނީ ރޯދަމަސް ނިމެން ކައިރިވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ