ތައުލީމީ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރިހާ ރައްޔިތުން ވެސް އެއް ރޫހެއްގައި އެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފެށި ދިރާސީ އާ އަހަރަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ކާމިޔާބު ކުރެވޭނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ދަރީންނަށް އާރުލާ ތައުލީމެއް ދެވޭނީ، މުޅި މުޖުތަމައުގެ ބައިވެރިވުން އެކަމުގައި އޮވެގެންނެވެ. ކުދީންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެންނެވެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އާ އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައި ވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދެއްވުމެވެ."
ތަފްސީލް - ރައީސްގެ މެސެޖުގައި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަންކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައިސް ވިދާޅުވީ:
ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމްކުރާނަން
ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުން
ތައުލީމީ ދާއިރާގެ އެހެން ހިދުމަތްތެރީންނަށް ވެސް ފަހި ފުރުސަތުތައް ހޯދައިދިނުން
"ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަމެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
ދަރިންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ އެންމެ އަގުހުރި އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ގައުމީ، ދުނިޔޭގެ ނިސްބަތުގައި ވެސް ކުދިން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދިންގެ ހުނަރުތައް ތަރައްގީކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރަަށް ރައީސް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިލްތިމާސްކުރެއްވީ ކަމަށްކަމޭ ހިތައިގެން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. ބެލެނިވެރީންގެ އަރިހުން އެދިވަޑައިގެންނެވީ ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ.
"ހަމަ ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ވެސް ވާޖިބެކެވެ. ހަމަ ކޮންމެ އުމުރެއްގައި ވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެ ވެސް ކާމިޔާބީއާ ގުޅިފައިވާ އެންމެ ބޮޑު ސިއްރެވެ،" ރައީސްގެ މެސެޖުގައިވެ އެވެ.
"ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ކިޔެވުމަށް ހާއްސަކޮށް އުމުރުގައި މި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމެވެ."
ރައީސް ގޮވާލެއްވީ ހުރިހާ ރައްޔިތުން ތައުލީމީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ