އަލް އިއްތިހާދުން ޕޮގްބާ ގެންނަން ޝައުގުވެރިކަން ފާޅުކޮށްފި އަލް އިއްތިހާދުން ޕޮގްބާ ގެންނަން ޝައުގުވެރިކަން ފާޅުކޮށްފި

ރިޔާދު، ސައުދީ އަަރަބިއްޔާ (ޖޫން 21) - ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ ސޮއި ހޯދުމަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގުގެ) އަލް އިއްތިހާދުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މަނާބޭހުގެ މައްސަލައެއްގައި ދިގު މުއްދަތެއް ކުޅުމާ ދުރުގައި ހުރި ޕޮގްބާ، 32، ސަސްޕެންޝަނުން މިނިވަންވީ މިދިޔަ މާޗް މަހުގަ އެވެ. އިންޑިވިޖުއަލް ޓްރެއިނިންތަކެއް ފުރިހަމަ ކުރަމުން އައި، ޕޮގްބާ މިހާތަނަށް އަދި ޓީމަކާ ގުޅިފައެއްނުވެ އެވެ. ޕޮގްބާ އަށް ފްރާންސްގެ މޮނާކޯ އިން ވަނީ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. އެކަމަކު، އެއާ މެދު އަދި ރަސްމީކޮށް ގޮތެއް ނިންމަން ޕޮގްބާ އަންނަނީ ވަގުތު ނަގަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ސައުދީގެ ގަދަބާރު، އަލް އިއްތިހާދުން ވަނީ، ޕޮގްބާގެ ސޮއި ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް، އެ ޓީމުގައި ތިބި، ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.
ދެ ފަހަރެއްގެ މަތިން، ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ، ޕޮގްބާ، ވަގުތީ ގޮތުން ސަސްޕެންޑްކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، އެ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ.
އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.
ސަސްޕެންޝަނުގައި ޕޮގްބާ ހުއްޓައި، އޭނާ އޭރު ކުޅެމުން އައި ޔުވެންޓަސް އިން ކޮންޓްރެކްޓް އުވާލީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ