ފުޑް ސެކިއުރިޓީއަށް ކަނޑުލަކީ މުހިންމު ބާވަތެއް

ރާއްޖޭގައި ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން އިތުރުކުރުމަށް އިސްކަމެއް ދީގެން މަސައްކަތްތަކެއްކުރާ އިރު، ރާއްޖޭގައި ޒަމާނުންސުރެ ކާބަފައިން ބޭނުން ކުރި ބައެއް ކާނާތައް އާލާކޮށް، އެތަކެތި ކެއިންބުއިމުގާއި ބޭނުން ކުރުން މުހިންމެވެ. އަދި އެތަކެއްޗަކީ މޫސުމީ ކާނާއެއްކަމުން ފަހަށް ރައްކާ ކުރެވޭނެ ގޮތްތައް ވެސް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
އިހުގައި ކާބައިން ބޭނުންކުރި މޫސުމީ ކާނާތަކުގެ ތެރެއިން ކަނޑުލަކީ ފައިދާހުރި، އަދި ފަހަށް ރައްކާކުރެވޭނެ ކާނާއެކެވެ.
މި ލިޔުމުގައި މި ބަލާލަނީ އިހުގައި ކާބަފައިން ކަނޑޫ، ފަހަށް ރައްކާކުރާގޮތުގަެ މައްޗަށެވެ.
ކަނޑޫ ފަހަށް ރައްކާކުރުމަށް ހަދަން ޖެހޭ ގޮތް:
ކަނޑޫ ހޮވުމަށް ފަހު، ކަނޑޫތައް ކަހާލާނީ އެވެ. (ތޮށި މަށާލުން)، އެއަށް ފަހު ތެއްޔަކަށް ފެން އަޅާ ކަނޑޫކޮޅު އަޅާ، ތެލީގެ ތެރެއަށް އަޅިބޮޑިއެއް ލާނީ އެވެ. ( އަޅިބޮޑި ހަދާއިރު، ފޮތިގަނޑަކަށް ސާފު އަޅި އެޅުމަށް ފަހު ބޮޑިއަކަށް ބަނދެލާނީ އެވެ.)
ކަނޑތަކުގެ މަޓީގައި ކެޔޮފަތް ނުވަތަ ދެ ބަނބުކެޔޮފަތް ބާއްވާފައި، އޭގެ މަތިން ހަތަރު ބޮނބިގަނޑު ބާއްވާފަ(ބަރުގެ ގޮތުގައި ބޮނބި ނޫނަސް ބޭނުން ކުރެވިދާނެ) ކައްކާލާނީއެވެ. މި ގޮތަށް ކައްކާއިރު ފެން އަޑިވާވަރަކަށް ފެން އަޅަންވާ ނެއެވެ. މިގޮތަށް ފެން އަޅާނީ ހަތަރު ފަހަރު އެވެ.
ކަނޑޫ ފެނުކެއްކުމަށް ފަހު ތެލިބާލައި، ފެން އޮއްސާފައި ހިހޫފެން އަޅާފައި ހިހޫވަންދެން ބަހައްޓާނީ އެވެ.
ކަނޑޫތައް ހިހޫވުމުން ފެނުން ކަނޑޫތައް ނެގުމަށްފަހު ޓިނު ގަނޑެއްފަދަ އެއްޗެއްގެ މައްޗަށް އަޅާލައި، އަވީގައި ބަހައްޓާނީ އެވެ.
ކަނޑޫކޮޅު އަވިން ހިއްކުމަށް ފަހު ސުތުލި ގޯނި ނުވަތަ މުޅޯށިފަދަ އެއްޗަކަށް ކަނޑޫކޮޅު އެޅުމަށްފަހު، ދަރުން ކަންކާ ބަދިގެއެއް ފަދަ ހޫނުމިން ހުންނަ ތަނެއްގައި ބަހައްޓާނީ އެވެ. މި ގޮތަށް ކަނޑޫ ގައިގަޑަކަށް ދެ އަހަރެއްހާ ދުވަހު ރީތިކޮށް ބެހެއްޓޭނެ އެވެ.
ކެއުމަށް ބޭނުން ކުރާނެ ގޮތް:
ފަހަށް ރައްކާކުރެވިފައިވާ ކަނޑޫ ކެއިމަށް ކެއްކުމުގެ 1-2 ދުވަސް ކުރިން ފެން އަޅާފައި ބަހައްޓަންވާނެ އެވެ. މި ގޮތަށް ބެހެއްޓުމަށް ފަހު ފެނުންނަގައި، ތެއްޔަކަށް އެޅުށްފަހު އަލުން އައު ފެން އަޅައިގެން ގައިގަނޑަކަށް 45 މިނެޓް ވަންދެން ކައްކާލާނީ އެވެ.
ކަނޑޫ ކެއުމުގައި ކާށި ހުނި، ގަރުދިޔަ، ރޯމިރުސް ބޭނުންކުރެ އެވެ. އަދި ފޮނިކޮށްވެސެ ކަނޑޫ ކައިއުޅެ އެވެ.
ކަނޑޫ ގަހަކީ ރާއްޖޭގެ ވެށިން ނެތިގެންދިއުމުގެ ބިރުހީވެފައިވާ ބާވަތަކަށް ވާއިރު، ކާނާގެ ޔަޤީކަން ކަށވަރުކުރުމަށް ކަނޑޫގަސްތައް ރާއްޖޭގެ ކުޅިތަކުގައި އިންދާ އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ