މިނިމަމް ވޭޖްގެ ރިވިއު ޑިސެންބަރަށް ނިންމޭނެ، ލަސްވަނީ ކުރީ ސަރުކާރުގައި ރިޕޯޓު ނުހަދާތީ: ހައިދަރު
މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހު ނިންމާލެވޭނެ ކަމަށާއި، އެ މަސައްކަތް ލަސްވަނީ ނޮވެމްބަރު 08، 2023ގެ ނިޔަލަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު އެކުލަވާލާފައި ނެތުމުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަނޑައަޅަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ހައިދަރު ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު އަށްވަނަ ދުވަހު މިނިމަމް ވޭޖެ ތައާރަފުކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައި ނެތް ކަމަށެވެ. އެގޮތުން ނޮވެންބަރު 08، 2023ގެ ނިޔަލަށް އެ މުއްދަތު ހަމަވެފައިވިއިރު މުރާޖައާކޮށްފައި ނެތް ކަމަށާއި، އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނާން ނެތް ކަމަށް ވިދާޅުވިއެވެ. "ކުރިން ތައްޔާރުކުރި ރިޕޯޓެއް ވެސް ނެތް. އަޅުގަނޑުމެންނަށް ވެސް ރިޕޯޓު ތައްޔާރުކުރެވޭނީ އެ ރިޕޯޓު ލިބިގެން،" ހައިދަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2024 ވަނަ އަހަރުގެ ނޮވެންބަރުގައި މި ސަރުކާރު އައިސް މިނިމަމް ވޭޖް އެޑްވައިޒަރީގެ އައު ބޯޑެއް އެކުލަވައިލި ކަމަށެވެ. އެހެންކަމުން ކުރީގެ ބޯޑުގެ މުހިންމު ލިޔެކިޔުންތައް އައު ބޯޑާ ހިއްސާކުރުމަށް ވެސް ވަގުތުކޮޅެއް ނަގާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. ހައިދަރު ވިދާޅުވީ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށާއި، މިހާރު ކުރަނީ އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ ބޯޑުގެ ދިރާސާތައް ނިންމައި، މިނިމަމް ވޭޖް ރިވިއުކޮށް ނިންމޭނީ މިއަހަރުގެ ޑިސެމްބަރު މަހަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. މި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ނިންމާލެވޭތޯ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ އަދި ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ