ފްރެންޗް އޯޕަންގެ ހަތަރުވަނަ ބުރުން ސިނާ ޖާގަހޯދައިފި
އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން އިޓަލީވިލާތުގެ ސިނާ ޖާގަހޯދީ ތިންވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ސިނާ ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ސުމެއް، ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ. މިމެޗުގައި ލެހެޗްކާއަށް ގޭމެއް ކާމިޔާބު ކުރެވިފައިވަނީ ސިނާ 11 ގޭމް ކާމިޔާބު ކުރި ފަހުންނެވެ. މިކާމިޔާބީ އާއެކު ހަތަރު ވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 17 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ރުބްލޭވްއަށް ޖާގަ ލިބުނީ ތިންވަނަ ބުރުގައި 14ވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އާތާ ފިލްސް އާއެކު ކުޅުމަށް ހަމަޖެހިފައިވި މެޗު ފިލްސްއަށް އަނިޔާވެގެން ދޫކޮށްލުމުންނެވެ. ސިނާގެ އިތުރުން ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަހޯދައިފައެވެ. އޭނާ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އިޓަލީވިލާތުގެ ފްލާވިއޯ ކޮބޯލީއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހަތެއް ހަޔެއް އަދި ހައެއް އެކަކުންނެވެ. ހަތަރުވަނަ ބުރުގައި ޒުވާރޭވް ބައްދަލުކުރާނީ ތިންވަނަ ބުރުގައި އެމެރިކާގެ އީތަން ކުއިން ތިން ސެޓު ދެސެޓުން ބަލިކުރި ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯއާއެވެ. އެއީ ހަތަރެއް ހައެއް، ހައެއް އެކެއް، ހައެއް ހަތެއް، ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ހަވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި އޮސްޓްރިއާގެ ފިލިޕް މިލޮސިޗް ބައްދަލުކުރި މެޗު ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށް ޖޯކޮވިޗް ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަހޯދައިފައެވެ. ޖޯކޮވިޗްއާ ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީއެވެ. ނޯރީ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން ކުޅުންތެރިއެއްކަމަށްވާ ޖޭކޮބް ފަންލީއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ