އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އައްޔަން ކޮށްފި

ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އަދި އެންމެ ބޮޑު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނަކަށް އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އައްޔަން ކޮށްފިއެވެ.
އެމްޑީޕީގެ ތަރުޖަމާނަކަށް މިއަދު އަނަސް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސްކަމުގައެވެ.
އަނަސްވަނީ 2015 ވަނަ އަހަރުން 2022 ވަނަ އަހަރަށް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވާފައެވެ. އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީގެ މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓުގައި އަނަސް ވާދަަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. މިހާރު އަނަސް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމުގައެވެ.
އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރުވަނީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އެމްޑީޕީގެ ތަރުޖަމާނުގެ މަޤާމަށް އަނަސް އައްޔަންކޮށްފައިވާއިރު މީގެކުރިން މި މަޤާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ