ރާއްޖެތެރޭގެ ކަރަންޓު އަގުހެޔޮކުރުމަށް އަންނަ އަހަރު 593.9 މިލިއަން ރުފިޔާގެ ސަބްސިޑީ

ރާއްޖެތެރޭގެ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް، ސަބްސިޑީގެ ގޮތުގައި 593.9 މިލިއަން ރުފިޔާ ދޭން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިދިޔަ ހޯމަ ދުވަހު، ފިނޭންސް މިނިސްޓަރު މަޖިލީހަށް އިއްވި ބަޔާނުގައި ބުނެފައިވާ ގޮތުން ކަރަންޓުގެ އިތުރުން ކުނި އުކާލުމަށް ރައްޔިތުންގެ އަތުން ނަގާ ފީ ހެޔޮކުރުމަށާއި، ކާޑުގެ ބާވަތްތަކާއި، ޕަބްލިކް ޓްރާންސްޕޯޓް އަދި ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށް ޖުމުލަކޮށް 864.7 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ.
މިއީ ފިސްކަލް ސްޓްރެޓެޖީގައި ހިމެނޭ އަމާޒުތައް ހާސިލުކުރުމަށް މުހިއްމު އިސްލާހެއްކަން ފާހަގަ ކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ތެލުގެ ސަބްސިޑީ އިންޑައިރެކްޓް ސަބްސިޑީއަކުން ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރިއަށް ދާ ކަމުގައެވެ.
މި ބަދަލު ނުގެންނަނަމަ، ތެލުގެ ސަބްސިޑީއަށް އަންނަ އަހަރު 1.8 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އިސްލާހުތަކާއެކު، ސަބްސިޑީ ނިޒާމް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށް، ތެލުގެ ސަބްސިޑީއަށް ބަޖެޓުގައި ހިމަނާފައިވާނީ 588.2 މިލިއަން ރުފިޔާ ކަމުގައިވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ