މަކަރާއި ޚީލަތުން ފައިސާ ޖަމާކޮށްފައިވާ މަައްސަލައެއްގައި މީހަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް މަކަރާއި ޚީލަތުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ 180,000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.
އެހެންކަމުން މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުން ބުނެއެވެ.
މި ފުރުޞަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.
ފަހަކަށްއައިސް ރާއްޖޭގައި މަކަރާއި ޚީލަތުން ފައިސާ އަތުލާ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. އަދި މިކަމުން އާއމު ރައްޔިތުން ސަލާމަތްކޮށް ހޭލުންތެރިކުރުމަށް ފުލުހުންނާއި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ