ވޭތުވެދިޔަ ހަފްތާއަށްވުރެ މާ ބޮޑުތަން މޫސުން ރަނގަޅުވެއްޖެ: މެޓް
ރާއްޖޭގެ މޫސުން، ވޭތުވެދިޔަ ހަފްތާއަށްވުރެ މާ ބޮޑުތަން ރަނގަޅުވެއްޖެ ކަމަށާއި ނަމަވެސް ހުޅަނގު މޫސުމުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަދިވެސް ކުރަމުންދާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ޑައިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރަ ވޭތުވެދިޔަ ހަފްތާއަށްވުރެ މާބޮޑަށް އަލިވެ، ރަނގަޅު ވެފައިވީ ނަމަވެސް، ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ. މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުންނަމަ، އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ދެކުނަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެންމެ ފަހުގެ ސެޓެލައިޓު ފޮޓޯ: މޫސުމާ ބެހޭ އިދާރާއިން ބުނީ ވޭތުވެދިޔަ ހަފްތާއަށްވުރެ ރާއްޖޭގެ މޫސުން ރަނގަޅުވެއްޖެ ކަމަށް -- ވައިޖެހޭ ގޮތަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވެދާނެ ކަމަށް ބުނެފައިވެ އެވެ. ރާއްޖެއަށް މިދިޔަ ހަފްތާ ތެރޭގައި ކުރި ގަދަ ވިއްސާރައިގާ ރާއްޖޭގެ 15 އަށްވުރެ ގިނަ ރަށުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް މީހުން ވަނީ ހާލުގައި ޖެހި، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ރާއްޖެއަށް މިދިޔަ ހަފްތާ ތެރޭގައި މޫސުން އެހާ ބޮޑަށް ގޯސްވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ