އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.
މިނިސްޓަރު ޑރ.ހަލީލްގެ މި ދަތުރުގައި، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމުގެ އިތުރުން މުސްތަގްބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މިނިސްޓަރ ޑރ. ހަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ޔޫއޭއީއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ.ހަލީލްގެ އަރިހުގައި އެމްބެސެޑަރި-އެޓް-ލާޖް ޢަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، ފޮރިން މިނިސްޓަރު ޔޫއޭއީއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ