އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވަން ފަށައިފި

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައި ބަލިމީހުން ފޮނުވަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލުތަކަށް އާސަންދަ ފުޅާކޮށް، އެ ގައުމުތަކުން ވެސް އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަން ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިއުލާނުކުރައްވާފަ އެވެ.
ތަފްސީލް - އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުންޏެވެ. އެކަމާ ގުޅޭ ގޮތުން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ:
އާސަންދަ ހިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލް އަދި ބެންކޮކްގެ ދެ ހޮސްޕިޓަލާ އެކު ވަނީ އެއްބަސްވެފައި
ފުރަތަމަ އިސްކަންދޭނީ ކިޑްނީ ޓްރާސްންޕްލާންޓް ހެދުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން 'ފަސްޓް ޑިގްރީ ޑޯނާ'އެއް ނުލިބޭ ފަރާތްތަކަށް؛ އާސަންދައިގެ ދަށުން އެ މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ
ދެވަނައަށް އިސްކަންދޭނީ ރާއްޖެ، އިންޑިއާ ނުވަތަ ލަންކާގެ ހޮސްޕިޓަލަކުން ތަކުރާރުކޮށް ފަރުވާ ހޯދިޔަސް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ފަރާތްތަކަށް
ކުރިއަށް އޮތް ތަނުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރަން ވަނީ ނިންމާފައި
އާސަންދައިން ބުނީ އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ބަލިމީހުން ފޮނުވާނީ ކުރިން ވެސް އޮންނަ ރިފަރަލް ނިޒާމުގެ ދަށުން ކަމަށާއި ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ ވިރަ ކައުންޓަރުތަކާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އެނގުން މުހިންމު - ދުބާއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވާނެކަން އިއުލާންކުރެއްވި ދުވަހު ރައީސް އިތުރަށް ފާހަގަކުރެއްވި ކަންތައްތަކަކީ:
އާސަންދައިގެ ދަށުން އެ ގައުމުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ހޮސްޕިޓަލްތަކުގައި ބޭސްފަރުވާގެ އިތުރުން އެ ގައުމެއްގައި ތިބުމުގެ ހަރަދުތައް ވެސް އޭގެ ތެރޭގައި ހިމާނާނެ 
އޭރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވަންދެން ދިވެހިން ދާނީ ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގެ ހޮސްޕިޓަލުތަކަށް
އެފަދަ ގައުމުތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތައް
އާސަންދައިގެ ހިދުމަތް މީގެ ކުރިން ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުންނެވެ. މިތަންތަނުން ބޭސްފަރުވާ ކުރަންދާ ދިވެހިންގެ އަތުން އެންމެ ބޮޑު ހަރަދެއް ދަނީ އެކޮމަންޑޭޝަން ހަރަދުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ