ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ހިންގަމުން އައި ހ. ތެމާއަށް ހުއްދަނެތި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަޔަކާ ނުލައި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންނަށް ދައުވާ ކުރާނެ ކަމަށެވެ.
މާޗް 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސިވިލް ކޯޓުން ނެރުނު އަމުރެއްގައި, ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ބޭނުންކުރާ ދިދަޔާއި ނަންބޯޑު ނެގުމަށް ފުލުހުންނަށް އަންގާފާވުމާއެކު, އެ އަމުރާ ގުޅިގެން ފުލުން ވަނީ ތެމާއަށް ގޮސް އެތަނުގައި ހުރި ޕީޕީއެމްގެ ދިދަ އަދި ނަން ބޯޑު ނަގާފަ އެވެ.
ރައީސް މައުމޫން ޓްވީޓް ކުރެއްވީ މިކަމާ ގުޅިގެންނެވެ.
ރައީސް މައުމޫނަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ. އަދި މެންބަރުކަމުން ވަކިކުރުމާއި ގުޅިގެން ޕާޓީގެ ރައީސް ކަމުންވެސް އެމަނިކުފާނު ވަކިވެފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ވަކި ނުވާނެ ކަމަށެވެ.
ހުއްދަނެތި ތެމާއަށް ވަދެ އެތަނަށް ގެއްލުންދިން މީހުންގެ މައްޗަށް ދައުވާކުރާނަން - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ