ތުރުކީ، ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އެގައުމުގެ ރައްޔިތުން ރުހުން ދީފި

އަންކަރާ (އެޕްރީލް 17) : ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އެގައުމުގެ ރައްޔިތުން ރުހުން ދީފި އެވެ. މިކަމާބެހޭ ގޮތުން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓް ރޭ ފަތިހު ގުނައި ނިމިފައިވާ އިރު 51.3 އިން ސައްތަ މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. ރިޔާސީ ނިޒާމަށް ބަދަލުކުރުމަށް އިދިކޮޅު ހަދާފައި ވަނީ 48.7 ޕަސެންޓް މީހުންނެވެ. މިއީ ފާއިތު ދެގަރުނުގެ ތެރޭގައި ތުރުކީގެ ޖުމްހޫރިއްޔާގެ ވެރިކަމުގެ ނިޒާމަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. މިބަދަލަށް ރައްޔިތުން އާނބަސް ބުނެފައި ވާތީ ދެން އޮންނާނީ ތުރުކީގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާއަށް ޕާލަމެންޓުން ބަދަލުގެނައުމެވެ. ތުރުކީގައި އޮންނަ ވެރިކަމުގެ ނިޒާމު ކަނޑައަޅަނީ މިމާއްދާއިންނެވެ. ރައްޔިތުންގެ ރުހުން ނުލިބި މިމާއްދާ ބަދަލުކުރުމުގެ އިޚްތިޔާރު ޕާލަމެންޓަކަށް ވެސް ނޯވެ އެވެ. ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް އިސްވެ މަސައްކަތްކުރެއްވީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފަހަތުގައި ހުންނަވައިގެން އެގައުމުގައި ވެރިކަންކުރާ އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީންނެވެ. އިދިކޮޅު ޕާޓީތައް ސިޔާސީ ގޮތުން ބައިބައިވެފައިވާ އިރު އިދިކޮޅު ބައެއް ޕާޓީތައް ރިޔާސީ ނިޒާމަށް ބަދަލުކުރުމާ ދެކޮޅެވެ. އަނެއްބައި ޕާޓީތައް މިކަމާއެއްކޮޅެވެ. އަނެއްބައި ޕާޓީތަކަށް މިއީ މުހިއްމު ކަމަކަށް ނުވެ އެވެ. ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ވުމުން، ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ސަޕޯޓަރުން ވަނީ ތުރުކީގެ ބޮޑެތި ސިޓީތަކުގައި އުފާފާޅުކުރުމުގެ ބޮޑެތި ހަރަކާތްތަކެއް ހިންގާފަ އެވެ. ވޯޓު ކާމިޔާބުވުމަކީ ރައީސް އުދުޣާންއަށް ލިބުނު ސިޔާސީ ވަރަށްބޮޑު ކާމިޔާބީއެކެވެ. މިއީ އުރުދުޣާން އާ އިދިކޮޅު ޔޫރަޕްގެ ލީޑަރުންނަށް ލިބުނު ވަރުގަދަ މެސެޖެއް ވެސް މެ އެވެ. ތުރުކީގައި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 86 ޕަސެންޓް މީހުން ބައިވެރިވެފައިވެ އެވެ. މިއީ ގާތްގަނޑަކަށް 50 މިލިޔަން މީހުންކަމަށް ތުރުކީގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެއެވެ. ފެންނަ ނުފެންނަ ވޯޓަށް ވޯޓުލުމުގެ އިންތިޒާމްތައް، ތުރުކީގެ ރައްޔިތުން އެންމެ ގިނައިން ދިރިއުޅޭ ދުނިޔޭގެ 57 ގައުމެއްގައި ހަމަޖައްސާފައިވެ އެވެ. ތުރުކީގެ ވެރިކަމުގެ ނިޒާމަށް ގެނައި މިބަދަލާ އެކު ތުރުކީގެ ރިޔާސީ ނިޒާމު ވެގެންދާނީ އެމެރިކާއާއި ބްރަޒީލް ފަދަ ގައުމުތަކުގައި އޮންނަ ފަދަ ރިޔާސީ ނިޒާމަކަށެވެ. މިނިޒާމުގައި ތުރުކީގެ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ. އަދި ރިޔާސީ އިތުރު ދެދައުރަށް ކުރިމަތިލެއްވުމުގެ ފުރުސަތު އުރުދުޣާންއަށް ލިބިވަޑައިގަންނަވާނެ އެވެ. މިކަމަށް ޓަކައި ތުރުކީގެ ގާނޫނު އަސާސީ އަށާއި އެހެން ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހްތައް އެގައުމުގެ ޕާލަމެންޓުން ވަރަށް އަވަހަށް ގެންނާނެ އެވެ. ރައީސް އުރުދުޣާންވަނީ ފެންނަ ނުފެންނަ ވޯޓަށް ފަހު ތުރުކީއާއި ޔޫރަޕްގެ ގުޅުތައް އަލުން މުރާޖައާ ކުރާނެކަމަށް ވިދާޅުވެފަ އެވެ. އުރުދުޣާންއާ އިދިކޮޅު ފަރާތްތަކުން ބުނަނީ ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ތުރުކީ ބަދަލުކުރުމަކީ އޭނާ ހަރުކަށި ޑިކްޓޭޓަރަކަށް ވެގެންދާނެ ކަމެއްކަމުގަ އެވެ. ނަމަވެސް އުރުދުޣާންގެ ބޮޑުވަޒީރުކަމުގެ ތިން ދައުރާއި ރައީސް ކަމަށް މިވީ ދެތިން އަހަރު ތެރޭގައި ތުރުކީއަށް ވަނީ އިގްތިސާދީ ބޮޑެތި ކުރިއެރުންތަކެއް ގެނަސް ދެއްވާފަ އެވެ. އުރުދުޣާންގެ ކާމިޔާބީގެ ސިއްރަކީ އިގްތިސާދީ ކުރިއެރުންތަކާ އެކު އުފެއްދުންތެރި ސިނާޢީ ގައުމަކަށް ތުރުކީ ބަދަލުކޮށްލެއްވުމުގައި ކާމިޔާބު ހޯއްދެވުމެވެ. މިއާއެކު ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ ޖީބުތަކަށް ލުއިވެ ގައުމަށް ފާގަތިކަމާއި ތަނަވަސްކަން ގައުމަށް އައިސް މުސާރަތައް ބޮޑުވެ ވަޒީފާގެ ފުރްސަތުތައް އިންތިހާއަށް ތަނަވަސްވެގެން ދިޔުމަކީ އުރުދުޣާން އަށް އޮތް ރައްޔިތުން ސަޕޯޓް މިހާ ދިގުމުއްދަތަކަށް ދެމިއޮތުމުގެ މައިގަނޑު ސަބަބެވެ. އުރުދުޣާން ކުރެއްވި ގޯސްކަންތައްތަކުގެ ތެރޭގައި ސޫރިޔާއާއި އިރާގުފަދަ އަވަށްޓެރި އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ތުރުކީ ވެއްދުމާއި އެމެރިކާއާއި ޔޫރަޕާ ގުޅުންތައް ގޯސްވުމާއި ޚާރިޖީ ސިޔާސަތުގައި ހަރުދަނާކަމެއް ނެތުމެވެ. ނަތީޖާއަކީ ތުރުކީއަށް އެގައުމުގެ ރަހްމަތްތެރިންގެ އިތުބާރު ގެއްލިގެން ދިޔުމެވެ. ސޫރިޔާއަށް ބަލާއިރު ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްގެން ސޫރިޔާ ހަލާކުކޮށްލުމުގައި އުރުދުޣާންގެ ދައުރު ވަރަށް ބޮޑެވެ. ބައްޝާރުގެ ވެރިކަން ގަދަބާރު ތަޅާފޮޅައިގެން ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީންދޭ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އެމެރިކާއާ އެކު ތުރުކީ އޮވެ އެވެ. އަދި ހަނގުރާމަތަކުގެ ތެރެއަށް ވަނުމުގެ ސަބަބުން އެތަށް މިލިޔަން ރެފިއުޖީންގެ ބުރަ އުފުލަން ތުރުކީއަށް ޖެހުމާއި އައިއެސް އާއި ޕީކޭކޭ ޖަމާއަތުގެ ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަކަށް ތުރުކީގެ ރައްޔިތުން ވެގެންދިޔުމެވެ. މިކަމުގެ ސަބަބުން ތުރުކީގެ ފަތުރުވެރިކަން ވަނީ ފާއިތުވި ތިން އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް ތުރުކީގެ ސިނާއީ އުފެއްދުންތައް އިތުރުވުމުގެ ސަބަބުން ތުރުކީގެ އިގްތިސާދު އެއްވަރެއްގައި ހިފެހެއްޓިފައިވެ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ