މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން މަސައްކަތް ކުރާނަން: ނަޝީދު
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ/ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. މާލޭ ސިޓީ ހޯލުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުނަސް، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެ މަސައްކަތާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތާ ގާތަށް އެ ދެ ޕާޓީގެ މަސައްކަތާ މެމްބަރުން ގުޅިވަޑައިގަތުމުން މަޖިލީހުގެ ރައީސްކަމަށް ގާސިމް ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ 10 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީ/ޖޭޕީގެ މަސައްކަތާ ގުޅެން އެމަނިކުފާނާ ވާހަކަ ދައްކަވަމުން އެބަ ގެންދަވަ އެވެ. އަދި ގާސިމާ އެކު ވެސް މެމްބަރުންތަކެއް މަޝްވަރާކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑަށް ލަފާކުރެވެނީ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ ގުޅުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.ގާސިމް މަޖިލީހުގެ ރައީސް ކަމަށް ގެންނަވާނީ އެ މެމްބަރުންގެ ވެސް ތާއީދާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.މަޖިލީހުގެ ސާފު އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ ޕީޕީއެމަށެވެ.ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތުގައި، ކުރިން އެމްޑީޕީއާ ގާތް ގުޅުމެއް ނޯންނަ މީހުންނާ ވެސް ވާހަކަ ދައްކައި އެ މީހުން ބައިވެރިކުރަން ޖެހެ އެވެ. އެމްޑީޕީގެ މެމްބަރުންނަކީ ސިޔާސީ ގޮތުން ތަސައްރަފް ފުދިފައިވާ ބައެއް ކަމަށާއި ރާއްޖެ އަށް އެ ޕާޓީން އުއްމީދުކުރާ ބަދަލަށް އެކި ބާވަތުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ ގުޅިގެން އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖެ އަލުން އަނބުރައި ހުދުމުހުތާރު ނިޒާމަށް އިޔާދަވިޔަނުދިނުމަށެވެ. ގާނޫނު އަސާސީ ރަމްޒަކަށް ދައްކައި ދެ ޕާޓީން ކުރާ މަސައްކަތަކީ އޭގެ ދެލިގަނޑުގެ ދިފާއުގައި ކުރާ މަސައްކަތެއް ނޫން ކަމަށާއި މަގްސަދަކީ ގާނޫނު އަސާސީގެ ރޫހު ހިމާޔަތްކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ