ސަރުކާރު ފެއިލްވުމަކީ ޔާމީން ވެސް ފެއިލްވުން: ގާސިމް

މި ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ޕީޕީއެމް ކަމަށާއި ސަރުކާރު ފެއިލްވަމުންދާ ކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވި އިރު އެއީ އެ މަނިކުފާނުގެ ވެސް ފެއިލްވުމެއް ކަމަށް ވާދަވެރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ 63 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ރޭ މ. ކުނޫސްގައި ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ސަރުކާރު ފެއިލްނުވާ ކަމަށާއި ގާނޫނީ ގޮތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެމުން އަންނަ ކަމަށެވެ. ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޔާމީން ވަނީ ވެރިކަން ބަދަލުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި ސަރުކާރު ފެއިލްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ސަރުކާރު ފެއިލްވެފައި ހުރި ކަމަށް ވިދާޅުވަންޏާ ޔާމީން ފެއިލްވެފައި ހުރި ވާހަކަ ކަންނޭނގޭ އެ ވިދާޅުވަނީ. ގިނަ ޕޯޓޮފޯލިއޯތައް ލިބިފައިވަނީ ޕީޕީއެމަށް. އެހެންވީމާ އެއީ އަޅުގަނޑަށް ހީވަނީ ރަނގަޅު ވާހަކަފުޅެއް ނޫންހެން. ރަނގަށް ވިސްނާވަޑައިގެންފިއްޔާ ޔާމީނަށް އެނގިވަޑައިގަންނަވާނެ ތިމަންނާ މި ވިދާޅުވަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫންކަން،" މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.
މި އަހަރު އޮންނަ ރިއާސީ އިންތިހާބަށް މިހާރު ވެސް ކެމްޕެއިންކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ އަހަރެއް ފާއިތުވެގެން ދިޔަ އިރު ގައުމު ކުރިއަށްދާ ތަން ފެންނަ ކަމަށާއި ނަމަވެސް އެންމެ އެދެވޭ ގޮތަށް ގައުމު ކުރިއަށް ނުދާ ކަމަށެވެ. އޭގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި އެތައް ބިލިއަން ރުފިއާއެއްގެ ޑެފިސިޓެއް އޮތުމާއި ޔޫރަޕްގެ އިގްތިސޯދަށް އައިސްފައިވާ ބަދަލާ ގުޅިގެން ޓޫރިޒަމް ހީނަރުވަމުން ދިއުމާއި މަސްވެރިކަން ވެސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމަކީ އޭގެ ތެރެއިން ބައެއް ސަބަބުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ވޯޓު ދޭ އިރު ނަތީޖާ ނެރެދެވޭނެ ފަދަ ބޭފުޅަކަށް ވޯޓު ދިނުން މުހިންމު ކަމަށާއި އޭނާގެ ފިނޭންސް މިނިސްޓަރުކަމުގެ ދަށުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބަޖެޓު ފަސް ބިލިއަނުން 12 ބިލިއަނަށް އިތުރުވެގެން ގޮސް ގައުމަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދިޔަކަން ތާރީހުން އެނގޭނެ ކަމަށެވެ.
"ވިސްނުމާ ފިކުރާ ކަންތައްތައް ކުރުމުގެ ކެޕޭސިޓީ އާއި ކަންތައް ކުރަންވީ ގޮތާއި އެ ކަންކަމުގެ ތަޖުރިބާ، ވިސްނުން ހުރި މީހަކު ކަންތައްކުރާ ގޮތަކަށެއް ކަމެއް ނުކުރެވޭނެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ