ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިިޒަރަކަށް މަޝްހޫރި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހަމަޖައްސައިފި އެވެ.
ރާއްޖެ ޓީވީގެ 60 މިނެޓް ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ރައީސް ނަޝީދުއާ އެކު މަސަތްކަތް ކުރައްވަމުން ގެންދަނީ ވަރަށް ތެދުވެރިކަމާ އެކު ކަމަށާއި މި ވެރިކަން ނިމުމަކަށް ގެނައުމުގެ ގާބިލްކަން އެމްޑީޕީއާ ރައީސް ނަޝީދުގެ ކިބައިގަ އެބަހުރި ކަމަށެވެ.
ސްރީ ލަންކާގައިި ހުންނަވައިގެން ފޯނު މެދުވެރިކޮށް ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ސިޔާސީ ފަރާތެއްގެ އެޑްވައިޒަރުގެ މަގާމަކީ ވަރަށް ސާފު މަގާމެއްކަމަށާއި, އެޑްވައިޒް ކުރާނީ ސިޔާސީ ކަންކަން ތަރުތީބުކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ރައީސް ޔާމިން މަގާމުން ދުރުކުރުމުގެ މަސަތްކަތް ފައްޓަވާނެކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ޔާމިނަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ދެރަގޮތެއް ވާން ބޭނުން ނުވާކަމަށެވެ. އަދި ރައީސް ޔާމިން މިހާރު ވެރިކަމުގައި ހުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި ގާނުނުއަރާ އެމަނިކުފާނާ ހަމަކުރާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ އިތުރުން އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުވާލައްވައިގެން ހުންނެވި ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ބޭފުޅުން ވެސް މިވަގުތު ތިއްބެވީ ސްރީލަންކާގެ ކޮލަމްބޯގައެވެ.
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޖާބިރު އެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް ޖާބިރު ވަނީ އޭރު އޮތް އެމްޑީޕީ ސަރުކާރަށް ތާއިދުކޮށް އޭނާ ސިޔާސީ މައިދާނަށް ނުކުންނެވި އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވުމުން އޭނާ ވަނީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން ޖާބިރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ޔާމިނަށް ތާއިދުކުރައްވާކަން އިއުލާންކުރައްވާފައެވެ.
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސަވާފައި މިވަނީ ރައީސް ނަޝީދު މިވަގުތު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ޖާބިރު ވެސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގަ އެވެ.
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް އަބްދުﷲ ޖާބިރު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ