ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅޭކަމުގެ ތުުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން ކޮށްފި އެވެ.
މި ތުހުމަތުތަކާއި ގުޅޭގޮތުން ގާސިމާއި ސުވާލު ކުރުމަށް އޭނާ މިއަދު ހަވީރު 4:00 އަށް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި އެވެ. ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މަުއލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ މިއަދު ގާސިމް ހާޒިރުކޮށް ސުވާލު ކުރީ މައިގަނޑު ދެ ކަމަކާއި ގުޅޭގޮތުން ކަމަށެވެ.
އެއީ ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތާއި ވެރިކަން ވައްތާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ. ހިސާން ވިދާޅުވީ ފުލުހުން ކުރެއްވި ހުރިހާ ސުވާލުތަކަކަށް ގާސިމް ޖަވާބުދެއްވި ކަމަށެވެ.
ގާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ އެކި ދާދި ފަހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އެމަނިކުފާނު ދިރިއުޅުއްވާ މ. މާފަންނުވިލާ އާއި ވިލާ އޮފީސް ހިންގަމުން އަންނަ ވިލާ ބިލްޑިންގް ފުލުހުން ބަލައިފާސްކޮށްފަ އެވެ.
ހިސާން ވިދާޅުވީ، ގާސިމާ ގުޅުންހުރި ބައެއް ތަންތަން ބަލައިފާސްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި ނަމަވެސް މިއަދުގެ ތަހުގީގުގައި އެކަމާ ގުޅުންހުރި އެއްވެސް ސުވާލެއް ފުލުހުން ކޮށްފައިނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ފުލުހުން މިއަދު ކުރި ތުހުމަތުތަކުގެ އިތުރުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައި އެވެ. އެކަމަކު ގާސިމް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ.
ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތު ގާސިމް މައްޗަށް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ