ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ޖިނާހާއި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒްގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ދެ އޮފިސަރުން ޖިނާއީ ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުން ކުރިން ނިންމި ނިންމުން ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ޖިނާހާއި ރިޔާޒް ޖިނާއީ ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުން ނިންމީ 2010 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުން ފެށިގެން އެ އަހަރު ނިމެންދެނެވެ. އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުން ބަންދުކޮށްގެން އުޅުނު ދުވަސްވަރު އެވެ. އޭރު ޖިނާހާއި ރިޔާޒަކީ ޔާމީނާއި ގާސިމް ބަންދުގައި ބަހައްޓައިދިނުމަށް އެދި ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން ވަކާލާތު ކުރެއްވި ދެ ބޭފުޅުންނެވެ.
އެ ދެ ބޭފުޅުން ބަލައިނުގަތުމަށް ނިންމި މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޖިނާއީ ކޯޓުގެ އެ ނިންމުމަކީ އެފަދަ މައްސަލަތަކުގައި އަމަލުކުރަން އޮންނަ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ނުވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު އަހުމަދު ޝަރީފްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
ޖިނާހާއި ރިޔާޒަށް ކޯޓަށް ހާޒިރުނުވެވޭގޮތަށް ކުރި ސަސްޕެންޑް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ