މިއަދު މެންދުރުފަހު ގާސިމް ކޯޓަށް ހާޒިރު ކުރާނެ

ރޭ ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު މެންދުރުފަހު ކޯޓަށް ހާޒިރު ކުރާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރާނީ މިއަދު މެންދުރު ފަހު 15:00 ހާއިރުއެވެ.
ނަމަވެސް އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ހެނދުނު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ގާސިމް ކޯޓަށް ހާޒިރު ކުރަނީ މިއަދު 14:30 ގައި ކަމަށެވެ. އެގަޑިއަށް ކޯޓު ކައިރިއަށް ވަޑައިގެންދެއްވުމަށް އެދޭކަމަށް ވެސް އެމްޑީޕީގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ރޭގެ ވަގުތެއްގައި ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ.
ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ