ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ހޭވައްލާ" އާއި "ރަންނަމާރި ހަންޓް" ގެ ނަމުގައި ފަސް ދުވަހުގެ މި ތަމްރީނުތައް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ކުރިއަށްދާނެ ކަމަށެވެ. ތަމްރީނުތައް ކުރިއަށްދާ އިރު މި ތިން ތަނުގައި ސިފައިންގެ ގްރޫޕްތައް ހަރަކާތްތެރިވާނެ ކަމަށާއި އެކި ސަރަހައްދުތަކުގައި ޗެކް ޕޮއިންޓްތައް ވެސް ހަދާފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ވެސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި މިއީ ފައިޓިން ޔުނިޓްތަކާއި ސާވިސް ޔުނިޓްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ނިންމާލާނީ ކަލްމިނޭޝަން އެކްސަސައިޒަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ