ފުރަން ތައްޔާރުވެފައި އޮއްވައި ހައްޖަށް ދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގަން ފަށައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ފުރަން ތައްޔާރުވެފައިވަނިކޮށް، ހައްޖު ގުރޫޕުތަކުން އެ މީހުންގެ އަތުން އިތުރަށް ފައިސާ ނަގަން ފަށައިފި އެވެ.
އަލްފަތުހު ހައްޖު ޖަމާއަތުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުރިހާ ޖަމާއަތަކުން ވެސް ކޮންމެ ހައްޖުވެރިއެއްގެ އަތުން 70 ޑޮލަރު ނުވަތަ 1،200ރ. ނަގަން ފެށީ، ސައުދީ ސަރުކާރުގެ އެންގުމަކަށް ކަމަށެވެ. އެއީ ރޭލު ދަތުރުތަކަށް ނަގާ ފައިސާ ކަމަށް ވެސް ސައުދީން އަންގާފައިވާ ކަމަށް ވެ އެވެ. އޮފިޝަލު ވިދާޅުވީ ސައުދީ އަރަބިޔާގައި ހައްޖުވެރިންގެ ދަތުރުފަތުރަށް މީގެ ކުރިން 1،089 ރިޔާލު ވެސް ދައްކާފައިވާ ކަމަށެވެ.
ހައްޖު ޖަމާއަތަކުން، ހައްޖަށް ދާ މީހުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނީ ޖަމާއަތްތަކުން ކުރިން ފައިސާ ދައްކާފައިވަނީ މައްކާ އާއި މަދީނާ އަދި މިނާ އާއި އަރަފާތަށް އެއާކޯން ބަހުގައި ދިއުމަށް ކަމަށެވެ. ނަމަވެސް ބަހުގައި ދަތުރުކުރާ ހައްޖުވެރިން މިނާގެ ބޯޑަރުގައި ތިބެން ޖެހިދާނެތީ، ރޭލުގައި ދަތުރުކުރުމަށް އިތުރަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް އެ ލިޔުމުގައި ބުނެފައި ވެ އެވެ. އެހެންވެ، މި ފައިސާ ވީއެންމެ އަވަހަކަށް ދެއްކުމަށް އެ ޖަމާއަތްތަކުން އެދެ އެވެ. ބައެއް ޖަމާއަތްތަކުން އެ ފައިސާ 24 ގަޑިއިރުގެ ތެރޭގައި ދެއްކުމަށް ވެސް އަންގާފައި ވެ އެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔުމަށް ކޯޓާ ދޫކޮށްފައިވާ 1،000 މީހުންގެ ތެރެއިން، ފުރަތަމަ ގުރޫޕު އިއްޔެ ހަވީރު ވަނީ ފުރައިފަ އެވެ. އަލްމަނާސިކް ގުރޫޕުން 56 މީހަކު އިއްޔެ ފުރާފައިވާއިރު، އަލް ފަތުހު ހައްޖު ގުރޫޕާއި، އަލްމަނާސިކްގެ ދެވަނަ ގުރޫޕުން، މާދަމާ 301 މީހުން ހައްޖަށް ފުރާނެ އެވެ. އަދި އަންނަ ހޯމަ ދުވަހު އަތަމާ ހައްޖު ގުރޫޕުން، 28 މީހަކު ހައްޖަށް ފުރާއިރު، ޒައީމާ ހައްޖު ގުރޫޕާއި ސިސިލްފަރު ގުރޫޕުން 237 މީހުން ބުދަ ދުވަހު ހައްޖަށް ފުރާނެ އެވެ. އަދި ބުރާސްފަތި ދުވަހު ސަފާ ގުރޫޕާއި ޔޫއެސް ގްރޫޕް އަދި އަތަމާ ހައްޖު ގުރޫޕުން 272 މީހަކު ފުރާއިރު، ހުކުރު ދުވަހު އަތަމާ ހައްޖު ގުރޫޕުގެ ދެވަނަ ގުރޫޕުން 50 މީހަކު ހައްޖަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ