ޖޭއެސްސީގެ ގާނޫނާ ގާސިމް ހިލާފުވި މައްސަލަ ބަލަން އެމްޑީޕީން ގޮވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދެއްކެވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޖޭއެސްސީ އާއި ފުލުހުން ބަލަމުން އަންނަ ބަރަހަނާ ވީޑިއޯގެ މައްސަލަ ވަކި ގޮތަކަށް ނުނިމި ވަނިކޮށް، އެ ވީޑިއޯއާ ގުޅޭ ގޮތުން ވަކި ގޮތަކަށް ގާސިމް ވާހަކަ ދެއްކެވުމަކީ އޭނާގެ މުސްތަގިއްލުކަން ގެއްލި ވަކި އަތަކަށް ޖެހިވަޑައިގެންފައިވާ ކަން ސާބިތުވާ ކަމެއް ކަމަށެވެ. އަދި އެއީ ޖޭއެސްސީގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލިދާނެ ކަމެއް ކަން އެ ކޮމިޝަނުގެ ގާނޫނުން ވެސް އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ނަހަމަ ގޮތުގައި އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުންދަނިކޮށް، ތ. ހިރިލަންދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވެފައިވަނީ އެ ވީޑިއޯގެ ފަހަތުގައި ތިބީ ކުރީގެ ރައީސް ނަޝީދާއި އޭނާގެ މަދަދުގާރުން ކަމަށެވެ. އަދި ނަޝީދުގެ ފަހަތްޕުޅުގައި، ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އެބަތިބި ކަމަށާއި އެ މީހުން ނަޝީދު ވިދާޅުވާ ގޮތަކަށް އެނބުރޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.ގާސިމްގެ އެ ވާހަކަތަކަކީ ޖޭއެސްސީގެ ގާނޫނާއި ގަވާއިދާ ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ބަޔާނުގައި އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.ކެމްޕޭން ޖަލްސާއެއްގައި ޖޭއެސްސީގެ ތަހުގީގަކާ ގުޅޭ ގޮތުން ގާސިމް ވާހަކަ ދައްކަވާފައިވަނީ އެ ކޮމިޝަނުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް އެމްޑީޕީގެ އިތުރުން ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ނުނިންމަނީސް އެކޮމިޝަނުގެ މެމްބަރަކު ސިޔާސީ ފޯރަމެއްގައި އެކަން ހާމަކުރުމަކީ ޖޭއެސްސީގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމަށެވެ.އެ މާއްދާގައި ބުނަނީ މެމްބަރަކަށް، ވަޒީފާގެ ގޮތުން ލިބިފައިވާ މައުލޫމާތެއް، މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނޫން ގޮތަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނޫނީ އެފަދަ މައުލޫމާތެއް ތިން ވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ