ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާއާ ގުޅިގެން އުމަރު ނެންގެވި އިޖްރާއީ ބަލައިނުގަންނަން ކޯޓުން މިއަދު ނިންމިއިރު އެ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަވަން އުމަރުގެ ފަރާތުން ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖޭގެ އަމަން ކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ އުމަރުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އުމަރު ނަންގަވާފައިވާ އިޖްރާއީ ނުކުތާގައިވަނީ އެގޮތަށް ދައުވާ ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އެހެންވެ އެ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިދިނުމަށް އުމަރުގެ އިޖްރާއީ ނުކުތާގައި އެދިވަޑައިގެންފައިވެ އެވެ.
ނަމަވެސް މިއަދު ހެނދުނު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ އިޖްރާއީ ނުކުތާއެއް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ. އަދި އެ ދައުވާކުރާ ގާނޫނަކީ މިހާރު ވެސް އަމަލުކުރަމުން އަންނަ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ބައެއް އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ނަމަވެސް ގާނޫނު އުވާނުލާހާ ހިނދަކު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތެރޭގައި އެ ދައުވާކުރާ މާއްދާ މާނަ ކުރަން ޖެހިއްޖެ ނަމަ އެކަން ކޯޓުން ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެގޮތަށް ވިދާޅުވެ، ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު އުމަރަށް ދެއްވުމުން އުމަރުގެ ވަކީލް އާދަމް އާސިފް ވިދާޅުވީ އިޖްރާއީ ނުކުތާ ބަލައިނުގަންނަން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި އެ ނިންމުން ލިޔުމުން ދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެއީ އިޖްރާއީ ނުކުތާއެއް ނޫން ކަމަށާއި އެހެންވެ އެ ލިޔުން ނުދެވޭނެ ކަމަށެވެ. ގާޒީ އެގޮތަށް ވިދާޅުވި ނަމަވެސް އުމަރުގެ ވަކީލް އަނެއްކާ ވެސް ތަކުރާރުކޮށް އެދިވަޑައިގެންފައި ވަނީ އެ ނިންމުން ލިޔުމުން ދެއްވުމަށެވ. އަދި މައްސަލައިގައި އިތުރަށް ކުރިއަށް ދާން ބޭނުންވަނީ އެ ނިންމުން އިސްތިއުނާފް ކުރުމަށްފަހު ކަމަށް އުމަރުގެ ވަކީލް އާސިފް ވިދާޅުވި އެވެ.
އުމަރުގެ ވަކީލް އެގޮތަށް ވިދާޅުވަމުން ގެންދެވިއިރު ގާޒީ އަބްދުﷲ ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެ ނިންމުން ލިޔުމުން ނުދެއްވޭނެ ކަމަށެވެ.
"އެ ނިންމުން ލިޔުމުން ދެވޭކަށް ނެތޭ މި ދަންނަވަނީ އެއީ އިޖްރާއީ ނުކުތާއެއްގެ ގޮތުގައި ބަލައިނުގަންނާތީ، އެހެންވީމާ މި ދަންނަވަނީ މައްސަލައިގެ މައުޟޫއާގެން ކުރިއަށް ވަޑައިގަންނަވާށޭ،" ގާޒީ އަބްދުﷲ ވިދާޅުވި އެވެ.
ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ވެސް އިޖްރާއީ ނުކުތާ ބަލައިނުގަތްކަމުގެ ލިޔުން ދިނުމަށް އުމަރުގެ ފަރާތުން އެދެމުން ދިއުމުން ގާޒީ އަބްދުﷲ އުމަރުގެ ވަކީލަށް ދެން އެންގެވީ އެ މައްސަލައިގެ މައުޟޫއާގެން ވާހަކަ ދެއްކުމަށެވެ. ނަމަވެސް އެކަމަށް ވެސް އުމަރުގެ ވަކީލް ދެކޮޅު ހެއްދެވި އެވެ.
އުމަރުގެ ވަކީލް އާސިފް ވިދާޅުވީ މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ބޭނުންވަނީ ވެސް އިޖްރާއީ ނުކުތާ ބަލައިނުގަތްކަމުގެ ލިޔުން ދިނުމުން އެ ނިންމުން އިސްތިއުނާފް ކުރުމަށްފަހު ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އުމަރުގެ ބޭނުންވަނީ އެ ނިންމުން އިސްތިއުނާފް ކުރައްވަން ކަމަށް ވިދާޅުވެ، އެ ލިޔުން ދިނުމަށް އުމަރުގެ ވަކީލް ތަކުރާރުކޮށް އެދިވަޑައިގަތެވެ.
އުމަރުގެ ވަކީލް އެގޮތަށް ވިދާޅުވުމާ އެކު ގާޒީ އަބްދުﷲ ވިދާޅުވީ އުމަރުގެ ފަރާތުން މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެހެންވެ އިތުރު އަޑުއެހުމަކަށް ފަހު އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ދައުލަތަށް ފަހު ފުރުސަތު ދިނުން ކަމަށް ވެސް ގާޒީ އިއުލާން ކުރެއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އުމަރާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅީ އުމަރު އެ ވާހަކަ ދައްކަވާ މަންޒަރު ހިމެނޭ ވީޑިއޯ ފުޓޭޖަކާއި އުމަރު ދެއްކެވި ވާހަކަތަކުގެ ޓްރާންސްކްރިޕްޓެވެ.
މިއަދުގެ ޝަރީއަތަށް އުމަރު ބަންދުކޮށްގެން ހާޒިރު ކުރުމަށް ކޯޓުން އޮތީ ކުރިން އަމުރު ނެރެފަ އެވެ. ނަމަވެސް މިއަދު އުމަރު ކޯޓަށް ހާޒިރުވެ ވަޑައިގަތީ އުމަރާ އެކު ހުންނަވާ ފުލުހުންގެ ބޮޑީ ގާޑާ އެކު މިއަދު ހެނދުނު 10:00 ގައި ކަމަށް ވަނީ އެނގިފަ އެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ރާއްޖޭގެ އަމަން ކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާއަށް އުމަރު އިންކާރު ކުރައްވަ އެވެ.
އުމަރު ނެންގެވި އިޖްރާއީ ނުކުތާ ބަލައިނުގަންނަން ކޯޓުން ނިންމިއިރު ޝަރީއަތުގައި ވާހަކަ ދައްކަވަން އުމަރު ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ