"އާއިލީ މައްސަލައެއްގައި" މެމްބަރު ހުސެއިން ވަހީދުގެ އަންހެނުންނާއި ކުޑަ ދަރިފުޅުގެ ގަޔަށް ވަޅިހަރައިފި

"އާއިލީ މައްސަލައެއްގައި"، ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ވަހީދުގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ގަޔަށް މިރޭ ވަޅިހަރައިފި އެވެ. ފުލުސް އޮފީހުން ބުނިގޮތުގައި ހެންވޭރު ގެއެއްގެ ތެރޭގައި ވަޅިހަރައި
ޒަހަމްވެފައި ވަނީ 29 އަހަރުގެ އަންހެނަކާއި އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ދެމައިންނަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި ކުޑަކުއްޖާގެ ކަރުގެ ދެ ފަރާތަށް ހަމަލާދީފައިވާ އިރު އޭނާގެ ހާލު ސީރިއަސް އެވެ. އަދި އޮޕަރޭޝަނަކަށް ދަނީ ތައްޔާރުވަމުންނެވެ. މެމްބަރުގެ އަންހެނުންގެ ބޮލަށް ހަމަލާދީފައިވާ ކަމަށާއި އެކަމަކު ހާލު "ސްޓޭބަލް" ކަމަށް ވެސް އެނގިފައިވެ އެވެ.ހ. އަޒުމް ގޭގައި ހިންގި މި މާރާމާރީގެ މައްސަލާގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ އަންހެންމީހާގެ އެއްބަނޑު ބޭބެއެއް ކަމަށްވާ މުހައްމަދު ނަޖާހު އެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ނޫން ވެސް ކުށްތަކުގެ ރެކޯޑް އޮތް މީހެކެވެ.އެނގިފައިވާ ގޮތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން މައްސަލައެއްގައި 2011 ވަނަ އަހަރު އޭނާ ހައްޔަރުކޮށްފައިވެ އެވެ. އަދި މި އަހަރުގެ ޖޫން މަހު، އަޒުމް ގޭގައި ހުންނަ ގްލެމް ސެލޫން އަށް ތޫނު އެއްޗެއް ހިފައިގެން ވަދެ އެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައި ގަޔަށް އަތްލައި އިންޒާރުދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި މި އަހަރުގެ ޖުލައި މަހު ވެސް އޭނާ ހައްޔަރުކުރި އެވެ."މިހާތަނަށް ބެލިބެލުމުން އެއީ އާއިލީ މައްސަލައެއް ކަން ވަނީ އެނގިފައި،" މިރޭގެ މާރާމާރީއާ ބެހޭގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.މި މާރާމާރީ ހިންގި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ