މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މޫސަ ހުށަހަޅާފައިވަނީ އެ ގާނޫނުގެ ތިން ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ ހ. އާއި އެ މާއްދާގެ ށ. އާއި 12 ވަނަ މާއްދާގެ ހ. ގެ އިތުރުން 16 ވަނަ މާއްދާ ބާތިިލްކޮށް ދިނުމަށެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާއަކީ މެމްބަރަކު މަޖިލީހަށް އަންނަ އައުމުގަ އާއި މަޖިލީހުން އެނބުރި ދިއުމުގައި މަޖިލީސް ކުރާ ގޭގައި ހުންނަ ވަގުތު ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނާ މާއްދާ އެވެ.
ގާނޫނުގެ 11 ވަނަ މާއްދާގެ ހ. އަކީ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީއަކަށް ނުވަތަ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް ކޯޓުތަކާއި އެހެނިހެން ވެސް އިދާރާތަކަށް ހާޒިރު ކުރުން މަނާކުރާ މާއްދާ އެވެ. އެ މާއްދާގެ ށ. އަކީ މެމްބަރަކު މަޖިލީސް ކުރާ ގޭގައި ހުއްޓާ ޝަރީއަތަކަށް ނުވަތަ ތަހުގީގަކަށް ހާޒިރުވުމަށް އަންގާ ލިޔުން އެ މެމްބަރަކާ ހަވާލުކުރުން މަނާކުރާ މާއްދާ އެވެ.
އެ ގާނޫނުގެ 12 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރަނީ މެމްބަރަކު މަޖިލީހުގެ މަސައްކަތުގައި ނުވަތަ މަޖިލީސްކުރާ ގޭގައި ހުއްޓާ އެއްވެސް މައްސަލައެއްގެ ތަހުގީގަކަށް ނުވަތަ ޝަރީއަތަކަށް ހާޒިރުވުމަށް އަންގާ ލިޔުން އެ މެމްބަރަކާ ހަވާލު ނުކުރެވޭނެ ކަމަށެވެ.
ގާނޫނުގެ 16 ވަނަ މާއްދާ އަކީ ހުކުމް ތަންފީޒުކުރުމަށް ބަންދުކޮށްފައި ތިބޭ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭންޖެހޭނެ ކަމަށް ބުނާ މާއްދާ އެވެ.
އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު ބަންޑާރަ ނައިބުގެ ފަރާތުން ވެސް ވަނީ އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި އެ ކޯޓަށް ހުށަހަޅައިފަ އެވެ. ބަންޑާރަ ނައިބު ވެސް ވަނީ އެ ގާނޫނުގެ 16 ވަނަ މާއްދާ ބާތިލްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ވެސް އެހެން ބައެއް މާއްދާތަކެއް ބާތިލްކޮށް ދިނުމަށް ބަންޑާރަ ނައިބުގެ އެ ދައުވާގައި އެދިވަޑައިގެންފައިވެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ކުރިން ސުޕްރީމް ކޯޓުގައި ބޭއްވި ނަމަވެސް އޭގެ ފަހުން އިތުރު އަޑުއެހުމެއް ނުބާއްވަ އެވެ.
ކުޑަކަމުދާ ތަކެތި ނުދިން މައްސަލަ އާއި ހދ. ހޮނޑައިދޫގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް މިހާރު އެންމެ ބޮޑަށް ހުރަސް އެޅިފައި ވަނީ ވެސް އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތަކެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި ނަމަވެސް މަޖިލީހުގެ އިދާރާ އިން ހާމިދު ނުކުމެވަޑައިނުގަތުމުން އޭނާ ހައްޔަރުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 9:00 އަށް ކޯޓަށް ހާމިދު ހާޒިރުކޮށްދިނުމުގެ ދެވަނަ އަމުރެއް ވަނީ ފުލުހުންގެ މައްޗަށް އައިސްފަ އެވެ. އެހެންވެ އޭނާ މާދަމާގެ ޝަރީއަތަށް ހާޒިރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ފުލުހުން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކިބައިން މިހާރު ރަސްމީކޮށް އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާއިރު އެ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައި އޮންނަނީ މަޖިލީހުގެ ކޮމެޓީތަކާއި ޖަލްސާތައް އޮންނަ ދުވަސް ދުވަހު އެ މެމްބަރުން ކޯޓަށް ނުގެންދެވޭނެތީ އެވެ.
މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މޫސާ އަންވަރަކީ މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ މީހެކެވެ. އެގޮތުން އެއްވެ އުޅުމުގެ ގަވާއިދުގެ މައްސަލައާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީގެ މައްސަލަ ވެސް 2008 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅީ މޫސަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ