ގާސިމް ހައްޔަރުކުރީ އިމްތިޔާޒު ގާނޫނާ ހިލާފަށް، ދޫކޮށްލަން ޖެހޭ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. ގާސިމް ދޫކޮށްލަން ގޮވާލައި ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކޮށްފައި ވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނާ މެމްބަރުން ބަންކުރުމާއި ދޫކޮށްލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރު ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕީޖީއަށް ހުށަހެޅުމުން ޕީޖީއަށް ފެނިއްޖެ ނަމަ އޭނާ އެވެ. ގާސިމް އިބްރާހިމް ހައްޔަރުކުރަން ކޯޓު އަމުރު ނެރިފައި ވަނީ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުންނެވެ. ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ގާސިމް ހައްޔަރު ކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. ގާސިމް ވަގުތުން ދޫކޮށްލުމަށް ވެސް ޖޭޕީން ވަނީ ގޮވާލައިފަ އެވެ. ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހައިފަ އެވެ. ގާސިމް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ނުޖެހޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ