ގާސިމް ހައްޔަރުކުރި މައްސަލަ އިސްތިއުނާފްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލަ، ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހުރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ. ގާސިމްގެ ބަންދަށް މިދިޔަ ހުކުރު ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހާދީފައެވެ.
ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ