ވިލާ ކޮލެޖް، ޔުނިވާސިޓީއަކަށް ހެދުމުގެ މަސައްކަތް ނިމިއްޖެ: ގާސިމް

ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އެ ކޮލެޖުގެ ބާނީ، ވިލާ ގްރޫޕުގެ ފައުންޑާ އަދި ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގައ، ގާސިމްގެ މެސެޖު އިއްވަމުން އޭނާގެ ދަރިކަނބަލުން ސަނާ ގާސިމް ވިދާޅުވީ، މާދިގު އިންތިޒާރުތަކެއްނުކޮށް، ވަރަށް އަވަހަށް އެ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. "އެކަމަށްޓަކައި ވިލާ ކޮލެޖުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަނީ ކުރެވިފައެވެ. ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލު ކުރަން ބޭނުންވާ މިންގަނޑުތަކަށް ފެތޭތޯ މިހާރު ވަނީ ބެލިފައެވެ. އެހެން ކަމުން ދެން މާ ދިގު އިންތިޒާރެއް ކުރަން ނުޖެހި ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލު ކުރެވިދާނެ ކަމުގެ އުއްމީދު ވެސް ވަރަށް ބޮޑެވެ،" ގާސިމްއާ ހަވާލާދީ ސަނާ ވިދާޅުވިއެވެ. ގާސިމްގެ މެސެޖުގައި އޭނާ ވިދާޅުވީ އެ ކޮލެޖު ބައިނަލް އަގުވާމީ ފެންވަރަށް މަޑުމަޑުން ފުޅާވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޮލެޖުގައި ކިޔަވަން ބޭރުގެ ދަރިވަރުން ވެސް އަންނަމުންދާ ކަމަށާއި، އެކަމުން ދޭހަ ވެގެން ދަނީ ކޮލެޖުގައި ތައުލީމު އުނގަންނައި ދޭ ފެންވަރު ރަނގަޅުވުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތައުލީމީ ޚިދުމަތް ދެމުންދަނީ މީހެއްގެ ފަރާތުން ލިބޭނެ ޝަރަފުވެރި ބަހެއް ހޯދުމަކަށް ނޫނެވެ. އެ ޚިދުމަތް ދެމުން އަންނަނީ، ޒުވާން އުމުރުގައި އޭނާ އަށް އެ ފުރުސަތު ނުލިބުމުން، އެ ފުރުސަތު ގައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ޒުވާނުންނަށް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. މީގެ އިތުރުން، އެ ކޮލެޖުގެ ކުރިއެރުމަކީ ކޮލެޖުގެ ދަރިވަރުންގެ ބުރަ މަސައްކަތާއި ހިތްމަތުން ލިބޭ އެއްޗެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ