ގާސިމް ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ގާސިމްގެ ގާނޫނީ ވަކީލުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުއެވެ. ނަމަވެސް އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަތްކަމެއް އަދި ނޭނގެއެވެ. ގާނޫނާ ޚިލާފަށް ގާސިމް ހައްޔަރުކުރި ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ މާއްދާއަކާ ހަވާލާދީއެވެ. އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކޯޓުގައި އެދެނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އޭނާ ކަމަށެވެ. ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އެ ކޯޓުގައި އެދިފައި ވަނީ ފުލުހުން ކަމަށާއި އެހެން ކަމުން އެއީ ގާނޫނާ ޚިލާފަށް ފުލުހުން ކުރި ކަމެއް ކަމަށެވެ. ގާސިމްގެ ގާނޫނީ ވަކީލުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެ މައްސަލަ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ