ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލުގެ މައްޗަށް ދައުވާ ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ދޮގު މައުލޫމާތު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނެ ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕޮރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ސެކެރެޓަރީ ޖެނެރަލް އާނިޔާ އަބުދުލް ޣަފޫރުގެ މައްޗަށް ދައުވާކޮށް ދިނުމަށް ފޮނުވާފައިވަނީ އޭނާ ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަނު ކުރުމާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް، އެ މައްސަލާގައި އޭސީސީއަށް ބަޔާންދޭން ހުރި ސްޕްރީމް ކޯޓުގެ މުވައްޒަފަކަށް ބިރުދައްކައި އޭސީސީން އަންގައިގެން ކަމަށް ބުނެ އެ މުވައްޒަފުގެ ބަޔާނެއް ނެގުމަށް މަސައްކަތް ކުރި މައްސަލާގައި ކަމަށެވެ.
އެކޮމިޝަނުން ބުނީ އެމައްސަލަ ބެލި އިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮމިޝަނަށް ބޭނުންވާ މައުލާމާތެއް ބޭނުން ވެގެން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް އާނިޔާ އަބްދުލް ޣަފޫރު ގާތުގައި އެކަމުގައި އުޅުނު މުވައްޒަފެއްގެ ބަޔާން ހޯދަން ބުނުމުން އެގޮތަށް އާނިޔާއަށް އެންގީ ޑިޕާޓްމަންޓްގެ އިސް ދެ ވެރިޔަކު ކަމަށް އާނިޔާ ކޮމިޝަނިގައި ބުނި ބުނުން އެ ދެފަރާތުން އިންކާރު ކުރާތީ ބެލި އިރު އާނިޔާ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އާނިޔާގެ މައްޗަށް ދައުވާ ކުރަން އޭސީސީން އެދިފައި ވަނީ ދޮގު ހެކި ދިނުމުގެ ތުހުމަތުގައި ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާގެ ދަށުންނެވެ.
ދޮގު ހެކި ދިނުމުގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތް ކޮށް އެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުންވެސް އާނިޔާގެ މައްޗަށް ދައުވާ އުފުލައި ދިނުމަށް ޕީޖީއަށް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ