ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ގޯނާކޮށް ދުއްތުރާކުރުމުގެ އިތުރުން ހަޑި އެއްޗެތި ގޮވަމުންދާ މީހުން ހަމަހިމޭނުން ދޫކޮށްލާފައި ބައިތިއްބަކަ ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މާލަމުގައި ރޭ ބޭއްވި އެޕާޓީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެފަދަ މީހުން ހަމަ ހިމޭނުން ދޫކޮށްލާފައި ބާތިއްބަން ޖާގަ ނުދޭނެ ކަމަށް ބުނާ ބަހުގެ މާނައަކީ ޖަލުގެ ތޭރިތަކުގައި ބައިތިއްބާ ވާހަކަ ނޫން ކަމަށާއި އޭގެ މާނައަކީ ހަމައާއި އިންސާފަކީ ކޮބައިކަން ދަސްކޮށްދީ ކިޔާދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންނަށް ގޯނާކޮށް އަޅުގަނޑުމެންގެ ތެރެއިން މަގު ގެއްލިގެންދާ މީހުންނަށް މަގުދައްކާ ކަންތައްކޮށްދޭން އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ތިބޭ ފުލުހުން އަނިޔާކުރަމުން ދުއްތުރާކުރަމުން އެމީހުންނާއި ދިމާލަށް ހަޑި އެއްޗެހި ގޮވަމުންދާ މީހުން ހަމަ ހިމޭނުން ދޫކޮށްލާފައި އެގޮތަށް ބައިތިއްބާކަށް ޖާގައެއް ނުލިބޭނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުށެއް ކުރާ މީހަކު އެ ކުށުގައި ތާއަބަދު ފަނާވެގެން ދިއުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޖަލުގެ ތޭރިތަކުގެ ދަށުގައި އަބަދު މީހުން ތާށިކޮށްފައި ބައިތިއްބަން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެންތާ މާގިނަ ދުވަސްތަކެއް ނުވެ މާފުށި ޖަލުގެ ކަންކަން ރަނގަޅުކުރުމަށް 60 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްދޭން ހުށަހެޅި ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އެންމެ ލާރިއެއް ވެސް އެކަމަށްދީފައިނުވާ ކަމަށެވެ.
"ހަމައެކަނި އެތަން ހިއްކާ މިހާރު ހުރި ޖަލުގެ 4 ގުނަ ބިން ބޮޑުކުރަން އަޅުގަނޑުމެން ބޭނުމޭ، އެތަން ބޭނުން ކުރަން ބޭނުންވަނީ އެކޮމަޑޭޝަނާއި އެކީގައި ތަފާތު ކުށް ކުރާ މީހުންނަށް ވެސް އެކަންތައްތަކުން ސަލާމަތްވެވޭނެ ރެހަބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގާ އެބައި މީހުންނަށް އެތާ ތިބެ މަސައްކަތް ކުރެވި، އެމީހުންކުރާ މަސައްކަތުގެ ތަކެތި ބާޒާރަށް ނެރެ ވިއްކާ މިދެންނެވި ގޮތަށް މަސައްކަތްކުރެވިގެންދާނޭ، ވަކި ހިސާބަކުން ކަފާލާތުގެ ދަށުން ނޫނީ އެހެން ޕްރޮގްރާމުތަކުގެ ދަށުން ވެސް އެކުދިން މައާފުދީ ދޫކޮށްލެވޭނެ އުސޫލުތަކެއް އަޅުގަނޑުމެން ގެންނަން އުޅުނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަދުވެސް ޑްރަގުގެ ވަބާގައި ޖެހެމުންދާ އަދި އެތަކެތި ވިޔަފާރިކުރަމުންދާ މީހުން ފިޔަވައި އެބޭނުންކުރަމުންދާ މީހުންނަށް ވީހާ އަވަހަކަށް އެކަންތައްތަކުން ސަލާމަތްކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެކަމުން އެކުދިން މިންޖު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އިންސާނުން ތެރޭގައި ކުށްކުރާ މީހުން އަބަދުވެސް އުޅޭނެ، އެއްވެސް ތަނެއްގައި ހުރިހާ އެންމެނަކީ ސަތޭކައިން ސަތޭކަ ކުށެއް ނެތި އުޅޭ ބައެއް ނޫން، އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރަނީ އަބަދުވެސް އެސަތޭކައިން ސަތޭކައާއި ހަމައަށް ގެންދެވޭތޯ، މާތް ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެންގެ ވިސްނުން އޮތީ މިދަންނަވާ ގޮތަށް." ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖެއިން އިސްލާމް ދީން ފުހެވިގެންދާނެ ކަމުގެ ބިރެއް ނޯންނާނެ ކަމަށެވެ.
ސިފައިންނާއި ފުލުހުންނަށް އަނިޔާކުރާ މީހުންނަށް ހިމޭނުން ނުތިބެވޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ