ސުޕްރީމް ކޯޓުގެ ބެންޗާއި ދެކޮޅަށް އެމްޑީޕީން ބޮޑު މުޒާހަރާއެއްކޮށްފި

"އިންސާފުގެ ދަތުރު މެކުހަށް" މިނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓުގެ ބެންޗާއި ދެކޮޅަށް މިއަދު މާލޭގައި ބޮޑު މުޒާހަރާއެއްކޮށްފި އެވެ.
މާލޭގެ މަގުތަކުގައި އެމްޑީޕީން މުޒާހަރާއެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހު އުސްފަސްގަނޑުން މިއަދު ހަވީރު ފެށި މި މުޒާހަރާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ކުރީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެއިތުރުން މި މުޒާހަރާގައި އެމްޑީޕީ ދިދަ ހިފައިގެންނާއި ޝަރުއީ ދާއިރާ އާއި ދެކޮޅަށް ތަފާތު ޝޫއޫރުތައް ލިޔެފައިހުރި ކަރުދާސްތައް ހިފައިގެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވެފައިވެ އެވެ.
އެމްޑީޕީގެ މުޒާހާރާގައި މިއަދު މައިގަނޑު ގޮތެއްގައި ގޮވާލީ ސުޕްރީމް ކޯޓްގެ ބެންޗް ބަދަލު ކުރުމަށާއި ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް "ގައުމީ ހަރަކާތު" ގެ ނަމުގައި ބަޔަކު ފާޅު ކުރަމުންދާ ޝުއޫރުތައް ހުއްޓާލުމަށާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާ ދެއްވުމަށެވެ.
މުޒާހަރާގެ ބައިވެރިން އެންމެ ފުރަތަމަ އެއްވެފައިވަނީ މެދުޒިޔާރަތް މަގުން މުލިޔާގެ ކުރިމައްޗަށެވެ. އެސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ތިބެ އަޑު އުފުލާފައިވާއިރު ވެލާނާގޭ ހުންނަ މަގަށް ވަދެވެން ހުރި މަގު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެއަށްފަހު މުޒާހަރާގެ ބައިވެރިން ގޮސްފައިވަނީ ބަންޑާރަ މިސްކިތް ކައިރިއަށެވެ.
ސުޕްރީމް ކޯޓު ކުރިމައްޗަށް ނުދެވޭގޮތަށް އެވަގުތު ސިފައިން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އެސްޓީއޯ ޓްރޭޑް ސެންޓަރު ހުންނަ މަގުން ކުރިއަށް ނުދަވޭ ގޮތަށް ފުލުހުން ވަނީ ބެރިކޭޑު ޖަހާ ބަންދުކޮށްފައެވެ. މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާއިރު އެއްވެސް މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިއަދުގެ މުޒާހަރާގައި މޫނު ނިވާކޮށްގެން ތިބި ޒުވާނުންތަކެއް ވެސް ބައިވެރިވެފައިވެ އެވެ. މުޒާހަރާގައި މޫނު ނިވާ ކުރުމަކީ އެއްވެ އުޅުމާބެހޭ ގާނޫނުން މަނާ ކުރާ ކަމެކެވެ. ނަމަވެސް އެމީހުންނާއި ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މިއަދުގެ މުޒާހަރާ ނިންމާލީ އިރުއޮއްސި 6:30 އެހާކަންހާއިރު އުސްފަސްގަނޑު ސަރަހައްދަށެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތާއި ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާކޮށް އިޚްތިޖާޖް ކުރަން ނިންމާފައިވަނީ 17 މާރޗް ގައި ބޭއްވުނު އެމްޑީޕީގެ 115 ވަނަ ޤައުމީ މަޖިލީހަށް ހުށަހެޅުނު ޤަރާރް ފާސްވުމާއި ގުޅިގެންނެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ތާޢީދު ކުރެއްވި މި ޤަރާރު ފާސްވެފައިވަނީ އިއްތިފާޤުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ