އަތޮޅު ތެރޭގެ ކަރަންޓުގެ އަގު ބޮޑުވާ މައްސަލަ ބަލަން ސަރުކާރު މެންބަރުން ވެސް ތާއިދު

މާލެ އާއި އަތޮޅުތެރޭގެ ކަރަންޓްގެ އަގު ތަފާތުވާ މައްސަލަ ބެލުމަށް އިދިކޮޅު މަޖިލިސް މެންބަރުންނާާއި ސަރުކާރަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުން އިއްތުފާގުވެ، ކަމާބެހޭ މުއައްސަސާގެ އިސްވެރިން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފިއެވެ. ކޮމެޓީގެ މިރޭގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ މައްސަލައަކާ ގުޅިގެންނެވެ. މާލެ އާއި އަތޮޅު ކަރަންޓުގެ އަގުގެ ފަރަގު ބޮޑުވާ މައްސަލާގައި ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފްގެ އިތުރުން އެންވައިރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދާއި އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ރޮޒޭނާގެ މައްސަލައަށް ތާއިދުކޮށް ވަނީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ރޮޒެއިނާ ހުށަހެޅި މައްސަލާގައި ހަމައެކަނި ފެނަކައިގެ ވާހަކަ އޮތުމުން ޖައުފަރު ވަނީ ސުވާލު އުފައްދާފައެވެ. "މީގައެއް ނާދޭ ސަރުކާރުގެ ކުންފުނީގެ ތެރެއިން ސްޓެލްކޯ އިން ފޯރުކޮށްދޭ ފެނެއް ހިދުމަތެއްގެ ވާހަކައެއް ނާދޭ. މީގަ މި ދައްކަނީ ފެނަކައިން އައްޑޫ ސިޓީގައި ފެނުގެ ހިދުމަތް ދޭ ވާހަކަ،" ޖައުފަރު ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމަށް ނިސްބަތްވާ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މައްސަލާގައި ވަކިގޮތަކަށް އޮތް ނަމަވެސް ކޮމެޓީގައި މެންބަރުން ހުށަހަޅާ ފާސްކުރާ ގޮތަކަށް އަމަލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ ރެޔަށް ފެނަކަ އާއި ސްޓެލްކޯގެ އިތުރުން އެންވައިރުމެންޓް މިނިސްޓްރީގެ އިސްވެރިންނާ އެކު ޓެކްނިކަލް ބޭފުޅުން ކޮމެޓީއަށް ހާޒިރު ވުމަށް އެދި ސިޓީ ފޮނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ