އަލިފުށީ ކަރަންޓް މައްސަލަ ހައްލު ކުރެވިއްޖެ: ފެނަކަ

ރ އަލިފުށީގެ ކަރަންޓްގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ ކަރަންޓް މައްސަލަ ހައްލުކުރެވިފައިވީ ނަމަވެސް އިންޖީނުގެއަށް ވަނުމަށް ބައެއް ރައްޔިތުން ހުރަސްއަޅަމުން ގެންދާތީ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެކުންފުނިން އަދި ހާމައެއް ނުކުރެއެވެ.
އަލިފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވިފައިވާކަމަށް ފެނަކައިން ބުނިއިރު އެރަށުން ކަރަންޓް ކެނޑޭމައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެރަށު ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރުމަށް މިރޭވަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެފައެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ އަލިފުށިން މިއަދު ހެނދުނު ކަރަންޓް ދިއުމަށްފަހު އަލުން ކަރަންޓް ލިބުނީ ހަވީރު އެވެ. ނަމަވެސް އަނެއްކާވެސް ކަރަންޓްކެނޑި މިރޭ ރަށް އޮތީ ކަނު އަނދިރީ ގައެވެ.
ރަށުން ވާހަކަ ދެއްކި މީހުންބުނީ މިރޭ އަށެއް ޖަހާކަށް ހާއިރު ކަރަންޓް ދިޔަގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށާއި މިރޭ ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަމެއްވެސް ނުލިބޭ ކަމުގައެވެ.
ކަރަންޓް ކެނޑި ހައްލުނުވާ މައްސަލާގައި ކައުންސިލް އިދާރާ ކައިރިއަށް އެއްވެފައިވަނީ އެރަށުގެ ޒުވާނުންގެ ބަޔަކު އިސްކޮށް ތިބެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ