އުތުރާއި ދެކުނުގައި، މާލެއާ އެއްފެންވަރެއްގެ ދެ ސަރަހައްދު ތަރައްގީ ކުރާނަން: ގާސިމް

އުތުރާއި ދެކުނުގައި، މާލެއާ އެއްފެންވަރެއްގެ ދެ ސަރަހައްދު ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރައްޔިތުންނައް އަނެއްކާވެސް އިތުރު ވައުދު ތަކެއް ވެވަޑައިގެންފި އެވެ.
ރޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ތާޖުއްދީން ސްކޫލްގައި ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އަތޮޅު ތެރޭގެ ބިން ބޮޑެތި ބައެއް ރަށްރަށް މާލެ އާ އެއް ފެންވަރަށް ތަރައްގީ ކުރެއްވުމާއި، މާލެ އަންނަ ދަތުރު ވެރިންނަށް ފަސޭހަ ނިޒާމްތައް ގާއިމްކޮށް ދެއްވުމާއި ފުލުހުންނަށް ޒަމާނީ ވަސީލަތްތައް ގާއިމު ކޮށްދީ ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރެއްވުމުގެ އިތުރުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ނަށް ޚާއްސަކޮށްގެން ޕާޓީގެ އިތުރު ގޮތްޕެއް އުފެއްދުން ހިމެނެ އެވެ.
އޭނާ ވިދާޅުވީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ރުއިމާއި ވޭނުގެ އަޑު އަހާ އެ މީހުންނަށް ބޭނުންވާނެ ކަންކަން ކޮށްދޭނެ ކައުންސިލެއް އުފައްދާ އަދި މެނިފެސްޓޯގައި ވެސް އެކަންކަން ހިމަނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މާލޭގައި ދިރި އުޅެން ޖެހިފައި މިވަނީ ހަރުދަނާ ގޮތެއްގައި އެކަން ރޭވި ހިންގިފައި ނުވާތީ ކަމަށާއި، އެކަމަށް ހައްލެއް ހޯދައި ދިނުމަށްޓަކައި އެ މަނިކުފާނުގެ ވިސްނުން އަމާޒު ކުރައްވާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި، މާލެއާ އެއްފެންވަރެއްގެ ދެ ސަރަހައްދު ތަރައްގީ ކުރެއްވުން ކަމަށެވެ.
"ޚާއްސަ އެހީއަށް ބޭނުންވާނެ އަޑުތަށް އުފުލޭނެ ގުނަވަނެއް އެއްވެސް ސިޔާސީ ޕާޓީ އެއްގައި އޮތް ކަމެއް އަޅުގަނޑަށް އެނގި ފައެއް ނެތް. އަޅުގަނޑުމެންގެ ޕާޓީ އަށް އެބައި އިތުރުކޮށް އެ މީހުންގެ ރުއިމާއި ވޭނުގެ އަޑުތަށް އަހާ އިތުރު ކައުންސިލެއް އަޅުގަނޑު އުފައްދާނަން. އަދި މާލޭގައި ދިރިއުޅެމުން ގެންދާ ރައްޔިތުންގެ ދިރި އުޅުން ފަސޭހަ ކޮށްދީ އެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން ބޮޑަށް އަމާޒު ވެގެންދާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ އާ އެއްފެންވަރުގެ ދެ ސަރަހައްދު އެންމެ ކުޑަވެގެން ވެސް ބިނާކޮށް ތައްޔާރު ކޮށް އެ ހިސާބަށް އިގްތިސޯދީ އަދި އިޖްތިމާއީ ކަންތަށްތައް ހަމަ މާލެ އާ އެއް ފެންވަރަށް ގެންދެވޭނެ އުސޫލު ތަކެއް ގާއިމް ކުރުމަށް. އެކަން މެނިފެސްޓޯގައި ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މާލެއަކީ ބިރުވެރި އަދި ނުރައްކާތެރި ތަނަކަށް ބަދަލުވެފައި ވާއިރު ސިންގަޕޫރު ފަދަ ތަރައްގީ ވެފައިވާ ގައުމު ތަކުގެ ފުލުހުން ބޭނުންކުރާ ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ދިނުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ފުލުންގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ އުސޫލު ތަކެއް އެބަޖެހޭ ކަނޑައަޅައިދީ އެފަދަ ނިޒާމެއް ކަނޑަ އަޅައިދޭން. އެކަމަށް އެހީތެރި ވެވޭނެ އެންމެ މުހިއްމު ކަމަކީ ކުށް ކުރާމީހުން ޝަރީއަތުގެ ކުރިމަށްޗަށް ގެންގޮސް އެ މީހުންގެ ޝަރީއަތް ނިމިގެންދާނެ އުސޫލް ތަކެއް ކަނޑައެޅުން. އެހެންވީމައި ދުނިޔޭގެ ސިންގަޕޫރު ފަދަ ގައުމު ތަކުގައި އެކަން ތަރައްގީ ކޮށްފައިވާ މިންވަރަށް ފުލުހުންނަށް އެކަން ކުރެވޭނެ ވަސީލަތް ތަށް ހޯދައިދިނުމަށް އަޅުގަނޑުގެ ސަރުކާރެއްގައި މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ޚިދުމަތް އެ ފެންވަރަށް ތަރައްގީ ކުރުމުން، މީހަކު މަރާލާފައި ނުވަތަ ވައްކަން ކުރުމަށް ފަހު ގޮސް ހަތް ދުވަހަށް ވުރެ ގިނަ ދުވަހު އެ މީހަކަށް ފިލައިގެން ނޫޅެވޭނެ ކަމަށެވެ.
އަތޮޅު ތަކުން މާލެ އަންނަ ދަތުރު ވެރިންނަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެ ފަދަ މީހުންނަށް ފާޚާނާ ކޮށްލެވޭނެ ގޮތެއް ވެސް މާލޭގައި މިހާރު ނެތް ކަމަށާއި، އެހެން ކަމުން އެމނިކުފާނުގެ ސަރުކާރެއްގައި މާލޭގެ އުތުރު ފަރާތުގެ ދެ ދިމާލަކުން އަބަދުވެސް އެ މީހުންނަށް ފެން ވެރުމާއި ފާޚާނާ ކުރެވޭނެ އިންތިޒާމް ހަމަ ޖައްސަވާ ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަން އުޅުއްވަނީ 100000ރ.ގެ މުސާރަ ބޭނުންފުޅު ވެގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތި ލެއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރަކު ހުށަހަޅުއްވައިގެން އެކަކު ފިޔަވާ ކައުންސިލްގެ ހުރިހާ މެމްބަރުން އެކަމަށް ވޯޓު ދެއްވާ ތާއީދު ކުރެއްވުމުން ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރުންވެސް އެކަމަށް އެދިލައްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ