އދގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމަކީ ލަދުވެތިކަމެއް: ރައީސް މައުމޫން

މިހާރު ފެށިގެން ކުރިއަށްދާ އދގެ އާއްމު ބައްދަލުވުމުގެ ރަސްމީ އެޖެންޑާގައި ރައްކާތެރި ކުރުމުގެ ހައްގު(R2P)ގެ ދަށުން ގަތުލު އާއްމުތަކާއި ހަނގުރާމައިގެ ޖަރީމާއާއި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހުއްޓުވުން ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމަކީ ލަދުވެތި ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޮހިންޖާއަށް ހަމްދަރުދީ ފާޅު ކުރަމުންދާ ކަމަށެވެ. When there is a worldwide outpouring of support for Rohingya Muslims, what a shame that Muslim Maldives did not participate in the UN vote!— Maumoon Abdul Gayoom (@maumoonagayoom) September 16, 2017
މިމަހުގެ 15 ވަނަ ދުވަހު އދގައި ނެގި އެ ވޯޓުގައި ރާއްޖެއިން ބައިވެރިނުވި ނަމަވެސް 11 3 މެންބަރުން ވޯޓާއެކު އެޖެންޑާގައި އެކަން ހިމަނަން ވަނީ ފާސްކޮށްފައެވެ. އެވޯޓަށް ރާއްޖެއިން ހާޒިރުވެފައެއް ނުވެއެވެ.
އެ ވޯޓު ނަގާފައިވަަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އދއިން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.
އެވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން ސަރުކާރަށް ފާޑުކީ ބައެއް ފަރާތްތަކުން ސިފަ ކުރި ގޮތުގައި އެއީ ރޮހިންޖާ މުސްލިމުންނަށް އެހީވާން ތައްޔާރަށް ތިބި ދިވެހިންނަށް ކުރެވުނު މަލާމާތެކެވެ.
އެވޯޓާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވެފައިވާ އިރު ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާއި ބެހޭ ގޮތުން ނެގުނު ވޯޓެއް ނޫން ކަމަށެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު.ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ