ބޮޑެތި ސަޕްރައިޒް ތަކަކާއެކު ދިވެހި ފިލްމު "ހައްދު" މިއަދު ހަވީރު ޕްރިމިއާ ކުރުމަށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރުވެއްޖެ އެވެ.
ދިވެހި ފިލްމީ ދާއިރާގެ ރިކޯޑުތައް މުގުރާލާނެ ފިލްމަކަށް ހައްދު ވެގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނަމުންދާއިރު ހައްދުގެ ޕްރިމިއާ ޝޯތަށް ފުލްވެފައިވާ ކަމަށް މި ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެމުން ފައްތާހު ބުނީ މިއަދު ހަވީރު 4:00 ގައި ފިލްމު ޕްރިމިއާ ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.
ފައްތާހު ބުނީ މިއަދު ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ބެލުންތެރިންނަށް ބޮޑެތި ސަޕްރައިޒްތަކަކާއެކުގައި ކަމަށެވެ. އަދި މިފިލްމުގެ ޕްރިމިއާ ޝޯއެއް މާދަމާރޭ އައްޑޫ ސިޓީގައި ބާއްވާނެ ކަމަށްވެސް ފައްތާހް ބުންޏެވެ.
"އަޅުގަނޑުމެން މިއަދު ހަވީރު މި ފިލްމު މާލޭގައި ޕްރިމއާ ކޮށްފަ މާދަމާރޭ އާއްޑޫ ސިޓީގައި ބާއްވާނަން ޕްރިމިއާ ޝޯއެއް. އެޝޯއަށްވެސް މިހާރު ވަނީ ހައުސްފުލްވެފަ. އަދި އަޅުގަނޑުގެ އުއްމީދަކީ މުޅި ރާއްޖޭގައި މިފިލްމު ދެއްކުން." ފައްތާހު ބުންޏެވެ.
މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާތައް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިފިލްމުގެ ޓްރެއިލާތައް ކަމުދާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ ފިލްމުގެ އެކި ރަހަތަކުގެ އެކި ޓްރެއިލާ ތަކެކެވެ. ލޯބީގެ ހޫނުން މީހާ ފިއްސާލާ ކަހަލަ ރޮމޭންޓިކް މަންޒަރުތަކާއި ހިތާމައާއި އަސަރުން ފުރިގެންވާ މަންޒަރުތައް ޓްރެއިލާ އިން ފެނިގެންދެ އެވެ.
ފައްތާހު ބުނީ ހައްދު ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ގިނަ އެވޯޑުތައްވެސް މިފިލްމުން ހާސިލް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ބުނީ މިހާތަނަށް ދިވެހި ފިލްމަކަށް ނުލިބޭ ވަރަށް އާމްދަނީ މި ފިލްމުން ހޯދާނެ ކަމަށެވެ.
މި ފިލްމުގެ ޝޫޓިންތައް ނަގާފައިވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގަ އެވެ. އެގޮތުން ހއ. ކެލާ އާއި ރ. ވާދޫގެ އިތުރުން މާލެ ކައިރި ރަށްތައް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުގައިވެސް މި ފިލްމުގެ މަންޒަރުތައް ވަނީ ނަގާފަ އެވެ.
މިފިލްމު ޕްރޮޑިއުސް ކުރަނީ ފައްތާހްގެ އިތުރުން މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދެވެ. މި ފިލްމަށް ހަރަދު ކޮށްފައިަވނީ ނިއުމާ އާއި ފައްތާހް ދެމީހުން އެއްވަރަކަށް ކަމަށްވެސް ފައްތާހު ބުންޏެެވެ.
ހައްދު ފިލްމަކީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ މަރިޔަމް އައްޒަގެ އެންމެ އަގު ބޮޑު ފިލްމެވެ. އައްޒަގެ އިތުރުން މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ އާމިނަތު ރިޝްފާ އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފް ވެގެންދާ ޝިބާން އަހްމަދެވެ. މީގެ އިތުރުން ސަޕޯޓިން ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި ނުޒުހަތު ޝުއައިބު (ނުޒޫ)ވެސް ފެނިގެންދާނެ އެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އަދި މިހާރު ސަންގު ޓީވީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒް ނުވަތަ ފައިރޫވެސް މިފިލްމުގެ ގެސްޓް އެޕިއަރެންސް އަކުން ފެނިގެންދެ އެވެ.
މި ފިލްމުގެ ލަވަތަކުގެ ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.
ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ފިޔަވާ ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. މީގެ އިތުރުން އަޝްފާ އާއި ތޭރަވާގެ ދަރިފުޅު ޔޫސުފް އަލްސަންގެ އަޑުވެސް އިވިގެންދާނެ އެވެ.
ބޮޑެތި ސަޕްރައިޒްތަކާއެކު ފިލްމު "ހައްދު" މިއަދު ހަވީރު ޕްރިމިއާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ