ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފިކަމަށް ބުނާ ދައުވާއުފުލާފައި ވަނީ އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ފާރިސް ވަގުތުން ދޫކޮށްލުމަށް ގޮވާލާއި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ގާރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށެވެ.
އަދި މި މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާއުފުލާފައި ވަނީ އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންވެސް އެނގެން އޮންނަ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލަ އާއި ފުލުހުން ފާރިސް މައްޗަށް ތުހުމަތުކޮށް ތަހުގީގު ހިންގި މައްސަލައާ އެއްވެސް ގުޅުމެއް ނެތްއިރު އަދި ކުރިން ކުރި ތުހުމަތަށް ދަޢުވާ އުފުލުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުވެސް ފަހަނައަޅައި ގޮސްފައިވާތީ މިހާރު ފާރިސް ހުންނެވީ ގާނޫނާ ހިލާފަށް ބަންދުކޮށްފައިކަމަށްވެސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މި ބަޔާނުގައި ވަނީ ފާރިސްގެ ބަންދުގައި ހުންނަވާތާ 54 ދުވަސްވީއިރު ވެސް އަނިޔާ ދެމުން ގެންދަނީ ކޮށްފައިނުވާ ކުށެއްގެ ދޮގު ތުހުމަތު އަޅުވައި އަދި ސިޔާސީ ޕާޓީ ތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ފާރިސްއާ މެދު ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓާލައި، ގާނޫނާ ހިލާފަށް ކުރެވިފައިވާ ބަންދުން މިވަގުތުން މިވަގުތަށް މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ