ކެމްބޯޑިއާގެ އިދިކޮޅު ޕާޓީ އެ ގައުމުގެ ސުޕްރީމް ކޯޓުން އުވާލައިފި
ނޮން ޕެން (ނޮވެމްބަރު 16)-- ކެމްބޯޑިއާގެ މައި އިދިކޮޅު ޕާޓީ އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އުވާލައި އަންނަ އަހަރު އޮންނަ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއާ ވާދަކުރާނެ އިދިކޮޅު ޕާޓީއަށް ފުރުސަތު ގެއްލުވާލައިފި އެވެ. ކެމްބޯޑިގެ ސުޕްރީމް ކޯޓުން އިދިކޮޅު މައި ޕާޓީ، ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ސީއެންއާރުޕީ އިން އެ ތުހުމަތު ދޮގުކުރެ އެވެ. އަދި ބުނީ އެއީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ކެމްބޯޑިއާގެ 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ ސިޔާސީ ކަންކަމުގައި ފަސް އަހަރު ވަންދެން އުޅުން މަނާކޮށްފަ އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ހުން ސެން ކުރައްވާތާ 32 އަހަރުވެއްޖެ އެވެ. ހުން ސެން ކެމަރޫޖުގެ ކުރީގެ ކޮމާންޑަރު ހުން ސެން، ކޯޓުތަކާއި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކަށް ބިރުދައްކައި ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ވެެރިކަން ކުރާ، ޕީޕަލްސް ޕާޓީން ކޮންމެ ވެސް ވަރަކަށް އިދިކޮޅު މީހުންނަށް ފަހަކަށް އައިސް ވަނީ ފުރުސަތު ދީފަ އެވެ. ސީއެންއާރުޕީ ވަނީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އަދި އަންނަ އަހަރުގެ އިންތިޚާބުގައި ވެސް އެ ޕާޓީގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިދިކޮޅު ޕާޓީ ސުޕްރީމް ކޯޓުން އުވާލީ ސަރުކާރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ނިންމުމާ ގުޅިގެން ސީއެންއާރުޕީގެ އިންތިޚާބީ ހުރިހާ މެންބަރުން ވަކިވާނެ އެވެ. އަދި ނޭޝަނަލް އެސެމްބްލީގެ 123 މެންބަރުންގެ ތެރެއިން އެ ޕާޓީގެ 55 ގޮނޑި ގެއްލޭނެ އެވެ. ގައުމުން ބޭރުގައި އެތައް ބެންބަރުންނަކާ އެކު ހުންނެވި ސީއެންއާރުޕީގެ ސީނިއާ މެންބަރެއް ކަމަށްވާ މޫ ސޮޗޫ ބީބީސީ އަށް ވިދާޅުވީ ކެމްބޯޑިއާގައި ހަގީގީ ޑިމޮކްރެސީ ނެތި ހިނގައްޖެ ކަމަށެވެ. އަދި އޭނާ ގޮވާލެއްވީ ކެމްބޯޑިއާގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއަޅައި އެ ގައުމުގައި ޑިމޮކްރެސީ މަރުވާން ބައިނަލްއަގުވާމީ މުޖްތަމައުން ދޫކޮށް ނުލުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ