ރައީސް މައުމޫން ކުޑަގޮޅިއަށް ލީ ރައީސް ޔާމީނުގެ ސިޔާސީ ކަރުހިއްކުން ފިލުވަން: އަލީ ޒާހިރު

ރައީސް މައުމޫން ޖަލުގެ ކުޑަގޮޅިއަށް ލައިގެން އުޅެނީ ރައީސް ޔާމީންގެ ސިޔާސީ ކަރުހިއްކުން ފިލުވަން ކަމަށް އަދާލަތު ޕާޓީގެ ނާއިބުރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އަލީ ޒާހިރު ވިދާޅުވީ އުމުރުފުޅުން 80 އަހަރަށްވުރެ މަތީގެ ރައީސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްގެން މިއަދު ދެވެމުންދަނީ ވަރަށް ބޮޑު އަނިޔާއެއް ކަަމަށެވެ. އެމަނިކުފާނު ބަންދުކޮށްފައިވަނީ ފުލުހުންގެ މުއައްސަސާއަށާއި ކޯޓުތަކަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބަންދުކޮށްފައިވަނީ ރައީސް ޔާމީނުގެ ސިޔާސީ ކަރުހިއްކުން ފިލުވަން ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ އެމަނިކުފާނަށް ދެމުންދާ އަނިޔާގެ ބަދަލުދޭންޖެހޭ ދުވަސް އަންނާނެ ކަމަށާއި އެދުވަހަކުން އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.
ރައީސް މައުމޫނާއެކު ގުޅިފައިވާ ޕާޓީތަކުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ތަޖުރިބާގެ އަލީގައި އަލީ ޒާހިރު ވިދާޅުވީ އެކުގައި މަސައްކަތް ނުކުރެވޭ ނުވަތަ ކަންކަން ހައްލުނުކުރެވޭ މީހެއްގެ ފަރާތުން ފެންނަ ފަދަ އެއްވެސް ކަމެއް ރައީސް މައުމޫންގެ ފަރާތްޕުޅުން ނުފެންނަ ކަމަށެވެ. ރައީސް މައުމޫނާ އެކުގައި ރައީސް ޔާމީނަށް ނޫޅުއްވުނީ ލީޑަރިޝިޕް ނެތުމުން ކަމަށާއި ލީޑަރެއްނަމަ ތަފާތު ފިކުރުގެ މީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭނެ ކަމަށެވެ. އެސިފަ ނެތުމަކީ ރައީސްކަމުގެ މަގާމަށް ކުފޫހަމަނުވުން ކަމަށާއި ގައުމުން މިއަދު ފެންނަމުންދަނީ މޮޔައެއްގެ އަތަށް ކަނޑިއެއް ލިބުމުން ކަންތައް ވާ އުސޫލުން ކަންކަން ވެގެންދާ ތަން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
"އަބްދުﷲ ޔާމީނަކީ ލީޑަރިޝިޕް ކޮލިޓީ އެއްވެސް ވަރަކަށް ނެތް ބޭފުޅެއް. އެއާ ޚިލާފަށް ރައީސް މައުމޫނަކީ ދިގު ތާރީޚެއް އޮތް، ތަޖުރިބާތަކެއް ހުރި އަދި އެކަން މުޅި ދުނިޔެއަށް ވެސް ހާމަކުރައްވާފައިވާ ލީޑަރެއް. ރައީސް މައުމޫންގެ ކިބައިގައި ހުރި އުނި ކަންތައްތަކެއްގެ ސަބަބުންނޭ ބުނެ އުސޫލުން ބޭރުން އެމަނިކުފާނު ޕާޓީން ބޭރުކޮށްލައި، އެމަނިކުފާނު ބުރަ މަސައްކަތުން އުފެއްދެވި ޕާޓީ ޖަހައިގަނެ، އަދި އެމަނިކުފާނުގެ ބުރަ މަސައްކަތުން ގެންނެވި ސަރުކާރު ހިސާރުކޮށް، ޚުދުމުޚުތާރުކަން އިސްކުރުމަކީ އެކަމުގެ ޒިންމާ ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވޭނެ ކަމެއް ނޫން. އެއީ ރައީސް ޔާމީންގެ ނާގާބިލްކަމާއި މީހުންނާއެކު އުޅެން ނޭގުމުގެ ނަތީޖާ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަކީ ފިކުރުގެ ގޮތުން ވަރަށް ތަފާތު ބައެއް ކަމަށާއި އާންމުންގެ ކުރިމަތީގައިވެސް އެކަންކަން އެތައް ފަހަރަކު ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ގައުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަމުންދަނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކަމަށެވެ. އެ އެއްބައިވަންތަކަން ނެތިކޮށްލުމަށް ސަރުކާރުން ވަަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ސަރުކާރަށް ކާމިޔާބުނުވާނެ ކަމަށް ވެސް އަދާލަތު ޕާޓީގެ ނާއިބުރައީސް އަލީ ޒާހިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ